މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން އިލެކްޝަން ކޮމިޝަން (އީސީ) އަށް މިހާތަނަށް ހުށަހަޅާފައިވާ ހުރިހާ މެންބަރުޝިޕް ފޯމްތަކެއް ވީއެންމެ އަވަހަކަށް ޕްރޮސެސްކޮށްދޭން އެ ޕާޓީން ގޮވާލައިފިއެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 3،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލަން އީސީން ނިންމާފައިވާއިރު، އޭގެ ތެރޭގައި އެމްއާރުއެމް ވެސް ހިމެނެ އެވެ.
އެމްއާރުއެމްއިން ނެރުނު ބާޔާނެއްގައި ބުނީ އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތެރެއިން މިހާރު ވެސް 3000 އަށްވުރެ ގިނަ މެންބަރުން ހަމަވާނެ ކަމަށެވެ. އެހެންނަމަވެސް އީސީއިން އަދިވެސް ގިނަ
ފޯމުތައް ޕްރޮސެސް ނުކޮށް ހުރިކަން ފާހަގަ ކުރެވޭ ކަމަށް އެ ޕާޓީން ބުނެފަވެއެވެ.
އެ ޕާޓިން ބުނީ ފާއިތުވި ދުވަސްތަކުގައި އެ ޕާޓީން ކުރި ބުރަ މަސައްކަތާއެކު ޖުމްލަ 1407 ފޯމު އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު 225 ފޯމު އަދި އޭގެ ކުރީ ހަފްތާގެ ބުރާސްފަތި ދުވަހު ވެސް 103 ފޯމު
ހުށަހަޅާފައިވާނެކަމަށް އެ ޕާޓީން ބުނެއެވެ.
އިއްޔެ ވެސް 123 ފޯމު އީސީއަށް ހުށަހަޅާފައިވާނެ ކަމަށާއި، މި ފޯމްތަކުގެ ތެރެއިން އަދިވެސް 1297 ފޯމް ޕްރޮސެސްނުވެ ހުރިކަމަށް އެ ޕާޓީން ބުނެފަވެއެވެ.
"ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 މެންބަރުން ހަމަވާން ޖެހޭއިރު، އީސީއިން ކުރި އިއުލާންގެ ފަހުން މިއަހަރުގެ މާރިޗް 27 ވަނަ ދުވަހާ ހަމައަށް ޖުމްލަ 700 އަށްވުރެ ގިނަ ފޯމު މި ޕާޓީގެ ފަރާތުން ވާނީ އެ ކޮމިޝަނަށް ހުށަހަޅައިފައެވެ. އެ އަދަދާއެކު އީސީން ކަނޑައަޅާފައި އެވާ އަދަދަށް އެމް.އާރްއެމްގައި މެންބަރުން އެދުވަހުވެސް ހަމަވެފައިވާނެ ކަމަށް އަޅުގަނޑުމެންގެ ހިސާބުތަކުން ދައްއެވެ" އެމްއާއެމުން ބުނެފަވެއެވެ.
އެ ޕާޓީން ބުނީ، އީސީއަށް މިހާރު ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ބައެއް ފޯމްތަކަކީ އެ ކޮމިޝަނަށް ހުށަހެޅިތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ފޯމުތަކެއްކަމަށެވެ. އަދި އެ ފޯމުތައް ޕްރޮސެސް ކުރުމުގައި އަވަސް ކޮށްދެއްވުމަށް އެދި އެޕާޓީން އީސީގެ ބައެއް މެންބަރުންނާ ދާދި ފަހުން ބައްދަލުކޮށް ވާހަކަ ދައްކާފައިވާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
"އެބޭފުޅުންގެ މިމަސައްކަތް އަވަސް ކޮށްދެއްވުމަށާއި، އަޅުގަނޑުމެންގެ ފޯމުތައް ވީ އެންމެ އަވަރަށް ޕްރޮސެސް ކޮށްދެއްވުމަށް އަޅުގަނޑުމެންގެ ޕާޓީގެ ހުރިހާ މެންބަރުންގެ ފަރާތުން ވާނީ އެދުވަހު ވެސް ވަރަށް އިހުތިރާމާއެކު ދަންނަވާފައެވެ." އެމްއާއެމުން ބުނެފަވެއެވެ.
އެ ޕާޓީން ބުނީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި ޕާޓީ ކުރިއަރުވަން ގިނަ ކަންކަން ރާވައި ފަސޭހަކަމާއެކު އެކަންކަން ހާސިލްކުރުމަށް ހިތްވަރާއެކު ކުރިއަށްދާ ކަމަށް ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!