ނަސްރު ލިބޭނީ ﷲގެ ދީނަށް ނަސްރު ދީގެން

666D3200-DE4C-47E8-A153-5DE9754B13E4

ނަސްރާއި ކާމިޔާބަކީ މާތް ﷲ އަށް ތެދުވެރި، އިޙްލާސްތެރި މުއުމިންތަކުންނަށް ﷲ ދެއްވާ ނިއުމަތެކެވެ. މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް (އެބަހީ: ﷲގެ ދީނަށް) ނަސްރު ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަސްރު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތަށް ސާބިތުކުރައްވާނެތެވެ."

އިލްމުވެރިން ވިދާޅުވާ ގޮތުގައި މާތްﷲ އަށް ނަސްރު ދިނުމަކީ އެކަލާނގެ ދީން ޤާއިމްކުރުމެވެ. އެކަލާނގެ ޝަރީއަތް ތަންފީޛު ކުރުމެވެ. ކީރިތި ޤުރުއާނަށާއި ރަސޫލާ (ސ.އ.ވ) ގެ ސުންނަތަށް އަމަލުކުރުމެވެ. ކާފިރުން ކިތަންމެ ނުރުހުންވެ ކިތަންމެ ބޮޑެތި ތުހުމަތުތަކެއް މުސްލިމުންގެ ބޮލުގައި އެޅުވިޔަސް އެކަމާމެދު ދެރަވާކަށް ނުޖެހެއެވެ.

އުހުދު ހަނގުރާމައިގެ ދުވަހުގައި ކީރިތި ރަސޫލާ (ސ.އ.ވ)ގެ ބައެއް ސަހާބީން އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފުވުމުގެ ސަބަބުން މުޝްރިކުންނަށް މުސްލިމުންނާ ދެކޮޅަށް ކުއްލި ހަމަލާއެއް ދެވޭނެ މަގު ތަނަވަސްވިއެވެ. މި ކުއްލި ހަމަލާގެ ސަބަބުން މުސްލިމުންގެ އެތައް ބަޔަކު ޝަހީދުވުމުގެ ސަބަބުން މުޝްރިކުންނަށް އަސްކަރީ ކާމިޔާބެއް ލިބިއްޖެ ކަމަށް ހީވިއެވެ.

ނަމަވެސް އެމީހުން ފަހުން ވިސްނާލުމުން އެނގުނީ އެމީހުންގެ ލަނޑުދަނޑިތަކުން ވަރަށް ކުޑަ މިންވަރެއް މެނުވީ ހާސިލް ނުކުރެވުނުކަމެވެ. އެމީހުންނަށް ހާސިލް ކުރެވުނީ ޖާހިލީ ޒަމާނުގެ ބަދަލު ހިފުމުގެ ޖަޒުބާތުގެތެރެއިން ކުޑަކުޑަ މިންވަރެކެވެ.

ކީރިތި ރަސޫލާ (ސ.އ.ވ) އަނެއް ދުވަހު ހެނދުނު އިސްލާމީ ލަޝްކަރައިގެން ހަމްރާއުލް އަސަދި ނަމަކަށް ކިޔަ ހިސާބަކަށް ނުކުމެވަޑައިގަތުމުން މުޝްރިކުންގެ ހިތަށް ބިރުވެރިކަންވަދެ އެމީހުން ފިލީއެވެ. އުހުދުގެ ދުވަހު އަސްކަރީ ގޮތުން މައްކާގެ މުޝްރިކުންނަށް ކޮންމެވެސް ވަރެއްގެ ކާމިޔާބެއް ލިބުނުކަމަށް ހީކުރެވުނު ނަމަވެސް އެއީ ނަސްރެއް ނޫނެވެ. މައްކާގެ މުޝްރިކުންނަށް މަދީނާއެއް ނުހިފުނެވެ. މުސްލިމުންގެ ލަޝްކަރު ހަނގުރާމައިގެ މައިދާނުން ފިލާކަށް ނުދުވެއެވެ. މުޝްރިކުންގެ އަތްދަށުގައި މުސްލިމުންގެ އެކަކުވެސް ހައްޔަރެއް ނުވެއެވެ.

މުޝްރިކުންނަށް މުސްލިމުންގެ އަތުން ޣަނީމާގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިފައެއް ނުވެއެވެ. މިއީ މާތް ﷲ މުސްލިމުންނާ ކުރިމަތި ކުރެއްވި އިމްތިހާނެކެވެ. އެމީހުންގެ ތެރެއިން ބަޔަކު ރަސޫލާގެ އިރުޝާދުތަކާއި ޚިލާފުވުމުގެ ސަބަބުން ކުރިމަތިކުރެއްވި އިމްތިހާނެކެވެ. އެމީހުން އެނބުރި ރަސޫލާގެ އަމުރުފުޅުތަކަށް ތަބާވުމުން މާތް ﷲ އެމީހުންނަށް އަލުން ނަސްރު ދެއްވީއެވެ.

މާތް ﷲ އަންގަވަނީ މުސްލިމުން އެއް އުންމަތެއްގެ ގޮތުގައި އަބަދުވެސް ދެމި ތިބުމަށާއި ބައިބައިވެގެން ނުދިއުމަށެވެ. މާތް ﷲގެ ވަހީބަސްފުޅެއްގެ މާނައިގައިވެއެވެ.

"އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ ތިޔަބައިމީހުންގެ ބާރުނެތިވެ ހިނގައިދާނެއެވެ."

ދުޝްމިނުންގެ މައްޗަށް ނަސްރު ހޯދޭނީ ސަބަބުތަކުގައި ހިފަހައްޓައި، މާތް ﷲ ނަސްރު ދެއްވާނެކަން ޤަބޫލުކޮށް އެކަމަށްޓަކައި ދުއާކޮށް ﷲ އަށް ވަކީލުކޮށްގެންނެވެ.

އިބުނު ބަތޫތާ އޭނާގެ ދަތުރު ނާމާގައި ލިޔުއްވާފައިވާގޮތުގައި ދިވެހިންގެ ހަތިޔާރަކީ ދުޢާއެވެ. އެމީހުންގެ ހަށިގަނޑު ނިކަމެތި ބައެއް ކަމުގައިވިޔަސް އެމީހުންގެ ރަށްތައް ލޫޓުވަން އަންނަ ބޭރުގެ ފޭރޭމީހުން ބަލިވެގެންދަނީ އެމީހުންގެ ދުއާގެ ސަބަބުންނެވެ. ރަސޫލާ (ސ.އ.ވ) ހަދީޘް ކުރެއްވިއެވެ.

"ހަމަކަށަވަރުން ﷲ މި އުއްމަތަށް ނަސްރު ދެއްވަނީ އުއްމަތުގެ ނިކަމެތިންގެ ދުއާއާއި ނަމާދާއި އިޚްލާސްތެރިކަމުންނެވެ."

މުސްލިމުންގެ އެންމެ ބޮޑު ބާރަކީ ދުޢާއެވެ. އެހެންނަމަވެސް މުސްލިމުންގެ ގިނަ ބަޔަކު މިއަދު މިވަނީ މި ވަރުގަދަ ހަތިޔާރުގެ މަތިން ހަނދާން ނެތިފައެވެ. ރަސޫލާ (ސ.އ.ވ) އަކީ އަޅުގަނޑުމެން އެންމެންގެ އެންމެ މަތިވެރި ނަމޫނާއެވެ.

އެކަލޭގެފާނު ކުރެއްވި ހުރިހާ ހަނގުރާމައެއްގަތަކެއްގައި ﷲގެ ހަޟްރަތަށް ކުއްތަންވެވަޑައިގެން ދެއަތްޕުޅު މައްޗަށް އުފުއްލަވައިގެން ދުޢާކުރެއްވިއެވެ. ބަދުރު ހަނގުރާމައިގެ ރޭގައި އެކަލޭގެފާނު މުޅި ރޭ ހޭދަކުރެއްވީ ނަމާދުފުޅު ކުރައްވައި ދުޢާކުރެއްވުމުގައެވެ.

ސަލާހުއްދީނުލް އައްޔޫބީ ޤުދްސް ފަތަޙަ ކުރައްވަން ނުކުމެ ވަޑައިގަތީ މުސްލިމުންގެ ތަކްބީރާއި ދުޢާއާ އެކުގައެވެ. އަޅުގަނޑުމެން ދިވެހިންނަށް ޕޯޗްގީޒުންގެ މައްޗަށް ނަސްރު ލިބުނު ރޭގައިވެސް މުޙައްމަދު ތަކުރުފާނު ހަމަލާދެއްވަން ވަޑައިގަތީ ހުކުރު މިސްކިތް ކައިރީގައި ދުޢާކުރަން ތިބި ޖަމާއަތަކާއެކު ބައިވެރިވެ ވަޑައިގެން ދުޢާކުރެއްވުމަށްފަހު އެމީހުން ދުޢާ ކުރުމުގައި ދެމިތިބުމަށް އަންގަވާފައެވެ.

ދިވެހި ރާއްޖޭގެ ހަޔާތުގައި ދިވެހިންްދުށް އެންމެ ނުރައްކާތެރި އެންމެ ބިރުވެރި ބިރުވެރި ދުވަހަކީ ދާދިފަހުން ރާއްޖެދުއް ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއެވެ. މި ހަމަލާ ދިވެހި ރައްޔިތުންނަށް ކުރިމަތިވުން ރައްޔިތުންގެ ފަރާތުން އެއްބައިވަންތަ ކަމާއިއެކު ކުރި އެންމެ މުޙިއްމު ކަމަކީ އޭރު ކުރިމަތިވެފައި އޮތް މުސީބާތުން ސަލާމަތް ކޮށްދެއްވުން އެދި ﷲގެ ހަޟްރަތަށް ކުއްތަންވެ ރާއްޖޭގެ ރަށްތަކުގައި ކުރެވިގެންދިޔަ ދުއާއެވެ.

މުއުމިނުންގެ ހަތިޔާރަކީ ދުއާކަމަށް ރަސޫލާ (ސ.އ.ވ) ހަދީޘް ބަސްފުޅުގެ އަލީގައި ރައްޔިތުން ޤައުމުގެ ދިފާއަށް ދުޢާ ކުރިއިރު ޤައުމުގެ ދިފާއީބާރުން ރައްޔިތުން ދިފާއުކުރުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދިވެހިޤައުމަށް ނަސްރު ލިބިގެން ދިއުމެވެ.

މި ޤައުމު ސަލާމަތުގެ އައްސޭރިއަށް ގޮސްފައިވަނީ މިޤައުމުގައި އޮތް އެއްބައިވަންތަކަމާއި މިޤައުމުގެ ރައްޔިތުން އިސްލާމްދީނުގެ މަތީގައި ޘާބިތުވެތިބުމުގެ އިތުރުން މިފަދަ ކަންކަމުގައި ﷲގެ ހަޟްރަތުގައި ދުޢާ ދެންނެވުމާއި އަޅުކަންކުރުންމަތީ ޘާބިތުވެ ދެމިތިބުމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *