ށ. ފޭދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި އިމާމުން އުފެއްދުމަށް ހިންގާ ޕްރޮގްރާމުގައި ބައިވެރިވި ފަރާތާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފޭދޫ ކައުންސިލުން އަންނަނީ އެ ރަށުގައި ފަންނީ މީހުން މަދު ދާއިރާތަކުން މީހުން ބިނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން އިމާމުން ތަމްރީން ކުރުމަކީ ވެސް އެ ކައުންސިލުގެ މަސައްކަތު ތާވަލުގައި ހިމެނިފައިވާ ފަންނީ މީހުން ބިނާ ކުރުމުގެ ޕްރޮގްރާމުގެ ދަށުން ކައުންސިލުން ސްޕޮންސަކޮށްގެން ބައިވެރިންނަށް އިމާމް ލެވެލް 3 ގެ ކޯސް ފުރިހަމަ ކުރުމަށް ދެވޭ ފުރުޞަތެކެވެ.
މިކަމާއި ގުޅޭގޮތުން "ތިލަދުން" އާއި މަޢުލޫމާތު ހިއްސާކުރައްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިސަމް ވިދާޅުވެފައި ވަނީ ރަށުގައި އެކުދާއިރާތަކުން ފަންނުވެރިން އުފެއްދުމަކީ ކައުންސިލްގެ މެއުންޑޭޓް ތެރޭ ހިމަނައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ.
އިމާމް ކޯހުގައި ބައިވެރިވި ފަރާތާއިއެކު ކައުންސިލުން މި ހަފްތާގެ ހޯމަ ދުވަހު ސޮއި ކޮށްފައިވާއިރު، މި ކޯހުގެ ބައިވެރިޔާގެ ކޯސް ފީ ފަދަ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައި ވަނީ އެ ކައުންސިލުންނެވެ.
މިފަހަރުގެ ފުރުޞަޠުގައި ދެ މީހަކު އިމާމުންގެ ގޮތުގައި ތަމްރީން ކުރުމަށް އެ ކައުންސިލުން ހުޅުވާލިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!