ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްޤީއަށް ހިންގަމުންދާ މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.
ރައީސް ޞާލިޙް މިއަދު ހަވީރު ވަނީ ވީއައިއޭ އަށް ޒިޔާރަތް ކުރަށްވާފައެވެ. މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެއާޕޯޓު ބައެއް ސަރަޙައްދުތަކަށް ވަޑައިގެން، އެއަރޕޯޓުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.
އެގޮތުން އެއާޕޯޓުގެ އައު ސީޕްލޭން ޓަރމިނަލް، ފަޔަރ ސްޓޭޝަން، ޕެސެންޖަރ ޓަރމިނަލް ބިލްޑިންގ، ކާގޯ ޓަރމިނަލް އަދި ފިއުލް ފާމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސް ވަނީ ބައްލަވާލައްވާފައެވެ.
ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި އައު ސީޕްލޭން ޓަރމިނަލުގެ މަސައްކަތުގެ 99.9 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ރިސޯޓު ލައުންޖް އޮޕަރޭޓަރުންގެ ލައުންޖްތަކުގެ ފިޓްއައުޓްގެ މަސައްކަތްތައް ކަމަށް އެ އޮފީހުން މައުލޫމާތު ދެއްވިއެވެ.
އަލަށް ޤާއިމްކުރާ ފިޔުލް ހައިޑްރަންޓް ސިސްޓަމުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު ބޭނުންކުރަމުންދާ ރަންވޭގެ ދަށުން ދާންޖެހޭ ފިޔުލް ހައިޑްރަންޓް ލައިން އެޅުމުގެ އިތުރުން ކޮމިޝަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން ކަމަށާއި، ފިއުލް ފާމުގެ 95 އިންސައްތަ މަސައްކަތް ނިމި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި އިލެކްޓްރިކަލް އަދި ފަޔަރ ފައިޓިންގ ސިސްޓަމްތަކާއި، ސެކިޔުރިޓީ އާއި ސީސީޓީވީތައް ކޮމިޝަންކޮށް ޓެސްޓުކުރުން ހިމެނޭކަމަށް އެ އޮފީހުން ވިދާޅުވެއެވެ. މިއާއެކު ފިޔުލް ސިސްޓަމްތައް ޓެސްޓްކޮށް ކޮމިޝަންކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައިވާއިރު، މި މަޝްރޫއުގެ ދަށުން ޤާއިމްކުރި ލޭންޑްސައިޑް ފިއުލިންގް ސްޓޭޝަންގެ މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި ކަރަންޓް ޓެސްޓު ކުރުމާއި މީހުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި ވީއައިއޭގެ ކާގޯ ޓަރމިނަލުގެ 93 އިންސައްތަ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައެވެ. ޓަރމިނަލުގެ އެތެރޭގެ ފެންސް ޖެހުމުގެ އިތުރުން، ފިނިޝިންގެ ބައެއް މަސައްކަތްތަކާއި މެޝިނަރީ އިންސްޓޯލްކުރުމާއެކު އައި.ސީ.ޓީ ނެޓްވަރކް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައިވާ ކަމަށް ވެސް އެ އޮފީހުން މައުލޫމާތު ދެއްވައެވެ.
ޓަރމިނަލް ފުރިހަމަކުރުމަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ދަތިކަމާއެކުވެސް ސެޕްޓެންބަރު މަހުގެ މެދުތެރެއަށް ޓަރމިނަލް ޓެސްޓުކުރެވި ކޮމިޝަންކޮށް ނިންމާލެވޭނެކަމަށް އަންދާޒާކުރެވޭ ކަމަށާއި، ޓަރމިނަލާއި އިންވެގެން ތަރައްޤީކުރެވެމުންދާ ކާގޯ ހާބަރުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިންމާލެވިފައިވާ ކަމަށް ވެސް އެ އޮފީހުން ވަނީ މައުލޫމާތު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!