ރައީސުލްޖުމްޙޫރިއްޔާއާއި، ސަރުކާރުންނާއި އަދި މެންބަރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ކުރިއަށް ދާނީ ސަރުކާރާއެކު ކަމަށާއި އަދި ޕާޓީ ހިންގާނީ އާންމު މެންބަރުން ބައިވެރިކޮށްގެން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ.
ފަޔާ މިހެން ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ ރާއްޖެ ޓީވީއިން މިރޭ ކުރިއަށްގެންދިޔަ "ޗެއަރޕާސަން ބަހުސް 2022"ގައި އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ކުރާންޖެހޭ އެންމެ އަވަސް މަސައްކަތަކީ ކޮބައިތޯ ކުރިމަތިކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
"މި ޕާޓީ ތެރޭގައި އޮތް ފިތުނަ ނައްތާލަން އެބަޖެހޭ، ޕާޓީގެ އަސާސީޤަވާޢިދުގެ ޗެޕްޓަރު 3 ގެ 10 ވަނަ މާއްދާގެ (ވ) ގައި އޮތް އެއްޗެއް އިންތިއަށް އިނގިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން، ހުރިހާ ބާވަތެއްގެ ފިތުނައާއި ފަސާދަ ޕާޓީގެ ތެރޭން ނައްތާލުން، އިތުރަށް އެއްޗެއް ދަންނަވާކަން ނެތިން އާންމު މެންބަރުން މިކެމްޕޭނާ ގުޅިގެން އެކަންކަން ހިނގާފައި އޮތްވަރު ވަޒަންކޮށްލެއްވީމައި އިނގޭނެ" ސުވާލަށް ޖަވާބުދެއްވަން ފައްޓަވަމުން ފަޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބަޖެހޭ އެއްބައިވާން، ޕާޓީއާއި ދޭތެރޭގައި ގެއްލިފައި އޮތް އިތުބާރު ގެންނަން، އެއީ ޕާޓީގެ ތެރޭގައި ކަންކަން ހިނގާފައި އޮތް ގޮތާއި، ޕާޓީ ނުހިންގި އޮތްކަމާއި، ޕާޓީން އާންމު މެންބަރުންނަށް އަޅާނުލުމާއި، ޕާޓީގެ އާންމު މެންބަރުންނަކީ އިނގިރޭސި ބަހުން ދަންނަވާކަމަށްވާނަމަ ޓޭކެން ފޮރ ގްރާންޓެޑް، ވަކިބަޔަކު ބޭނުންވާ ގޮތަކަށް ކަންކަންކުރަމުންދާ ދިޔުން ހުއްޓުމަކަށް ގެންނަންޖެހޭ،" ފަޔާ އިތުރަށް ވިދާޅުވިއެވެ.
ފަޔާ ވިދާޅުވީ، ޕާޓީ ކުރިއަށް ދާންވާނީ އާންމު މެންބަރުން ބައިވެރިކޮށްގެން ކަމަށެވެ. އަދި ޕާޓީގެ އާންމު މެންބަރުންގެ ހުރި ކަންބޮޑުވުންތަކަށް ތަސައްލީއެއް ހޯދައިދޭން ޖެހޭނެކަމަށާއި، ސަރުކާރުގެ ވަޢުދުތައް ފުއްދުމަށްޓަކައި ޕާޓީ ސަރުކާރުގެ ފަހަތުގައި ވަރުގަދަކޮށް އޮންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ކޯވިޑްގެ ހާލަތުގައި ކުރިމަތިވި ގޮންޖެހުންތަކުން މިހާރު އަރައިގަނެވިފައިވާއިރު، ޕާޓީން މިހާރަށްވުރެ ވަރުގަދަކޮށް ސަރުކާރާއެކު އޮތްނަމަ މިއަށްވުރެ ވަރުގަދަކޮށް ކަންކަން ކުރެވޭނެކަމަށް ފަޔާ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުގެ ޗެއާޕާސަންކަމުގައި ޕާޓީގެ ވަޢުދުތައް ފުއްދުމަށްޓަކައި ސަރުކާރާއެއްކޮށް އޮވެ، ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް، މެންބަރުންވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރާނަން،" ފަޔާ ވިދާޅުވިއެވެ.
ފަޔާ ވިދާޅުވީ، އޭނާ ހިންގަވަމުންދާ އިކޮނޮމިކް މިނިސްޓްރީއާއި ހަވާލުވެފައި ހުރިކަންކަން މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި މާލޭގެ ރައްޔިތުން އެންމެ ބޮޑަށް އެދޭ ބޯހިޔާވަހިކަމުގެ ކަންތައްތައް މިއަހަރު ހައްލުކޮށްދޭނެ ކަމަށެވެ.
"މާލޭގެ ރައްޔިތުން އެންމެ ބޮޑަށް އެދޭ ބޯހިޔާވަހިކަމުގެ ކަންތައްތައް މިއަހަރު ތެރޭ މާތްﷲ އިރާދަކުރެއްވިއްޔާ ހައްލުކުރާނަން، އެކަންކުރާނީ މިސަރުކާރުން އަޅުގަނޑުމެންނާއެއްކޮށް މި ބެފުޅުން ތިއްބަސް ނެތަސް،" ސުވާލުގެ ޖަވާބު ނިންމަވާލައްވަމުން ފަޔާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!