ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ދެކުނުގެ ބައެއް މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި ރައީސް ޞާލިޙް މިއަދު ވަނީ ރާއްޖޭގެ ދެކުނުގެ ބައެއް އިސް މަސްވެރިންނާ ބައްދަލުކުރައްވައި، އެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި މަސްވެރިންގެ ފަރާތުން ވަނީ ދެކުނުގެ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ.
މި ބައްދަލުވުމުގައި މަސްވެރިން ވަނީ، މަސްވެރި މޫސުމުގައި ބާނާ މަސްކިރޭނެ ގޮތްނުވުމާއި، ކިޔުގައި ގިނަ ވަގުތު މަޑުކުރަންޖެހުމާއި ގުޅިގެން މަސްތައް ހަލާކުވުމާއި، މީގެ އިތުރުން މަސްބާނާ ސަރަޙައްދުން މަސްކިރަންދާންޖެހޭ ސަރަޙައްދަށް ދިއުމަށް ދިގުދަތުރެއް ކުރަންޖެހޭތީ ދިމާވާ ދަތިތައް ރައީސްއާއި ހިއްސާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި މަސްވެރިން ވަނީ ދުރަށް ދުއްވަންނުޖެހި މަސްކިރޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމާއި އަދި ފަރެސްމާތޮޑާ ސަރަޙައްދުގައި މަސްފެކްޓްރީއެއް ހެދުމަށް ބޭނުންވާކަން ފާހަގަކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި، މަސްވެރިންނަށް ހުރި ދަތިތައް ޙައްލުކޮށް މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް މި ސަރުކާރުން މިހާރުވެސް ފަށައިގެން މަސައްކަތްތަކެއް ކުރަމުންގެންދާކަމަށާއި އެހެންނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތައް ކުރިޔަށްގެންދާނީ މަސްވެރިކަމުގެ ތަޖުރިބާކާރު އިސް ކެޔޮޅުންގެ ޚިޔާލާއި މަޝްވަރާއާއެކުކަން ފާހަގަކުރައްވައި، އެގޮތުން ދެކުނުގެ މަސްވެރިކަމުގެ ތަރައްޤީއަށް ކުރެވޭ ކަންކަން ކުރިޔަށްގެންދިއުމުގައި މި ބައްދަލުކުރެއްވުމުގައި މަސްވެރިން ފާހަގަކުރެއްވި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގައި ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި މަސްކިރުމަށް މިހާރު ދިމާވާ ދަތިތަކަށް މިއަހަރުގެ ތެރޭގައި ވަގުތީ ޙައްލުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެއާއެކު ދާއިމީ ޙައްލެއް ހޯއްދެވުމުގެ މަސައްކަތްތައްވެސް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!