ތައިލެންޑު އެމްބަސީގެ ސެކަންޑް ސެކްރަޓަރީއަކަށް ދިއްދޫ އަލީ ހާޝިމް

ޙާޝިމް، ޝާހިދު އާއެކު،
ޙާޝިމް، ޝާހިދު އާއެކު،

ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރަޓަރީއަކަށް ހއ ދިއްދޫ އަލީ ހާޝިމް ދީދީ އިއްޔެ ހަމަޖައްސައިފިއެވެ.

އަލީ ހާސިމްއަކީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބުގައި އެމްޑީޕީ ޓިކެޓުގައި ދިއްދޫ ކައުންސިލަށް ވާދަކޮށް ހޮވުނު ފަރާތެކެވެ. އަދި މިހާރު ހިނގަމުން މިދާ ކައުންސިލް ދައުރުގެ ދިއްދޫ ކައުންސިލްގެ ރައީސް ކަންވެސް ކޮށްފައިވާ ފަރާތެކެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ކައުންސިލް ރައީސް ކަމުން އަލީ ހާޝިމް ދުރުކުރުމަށް ދިއްދޫގައި ޕެޓިޝަނެއް ހަދައިގެން މަސައްކަތް ފެށިއެވެ.

މިއާއިއެކު 2019 ޖަނަވަރީ 22 ވަނަ ދުވަހު އަލީ ހާޝިމް ވަނީ ދިއްދޫ ކައުންސިލްގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވުމަށްފަހު ހާސިމް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ޕެޓިޝަނެއްގައި ސޮއިކޮށް، އިސްތިއުފާދޭން ރައްޔިތުން އެދެމުން އަންނާތީ ކަމަށެވެ.

2019 ޖުލައި 18 ވަނަ ދުވަހު ހާސިމް ވަނީ ކައުންސިލް މެމްބަރު ކަމުންވެސް އިސްތިއުފާ ދެއްވާފައެވެ. އަލީ ހާސިމްއަކީ ދިއްދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފަރާތެކެވެ.

ތައިލެންޑުގައި ރާއްޖޭގެ އެމްބަސީއެއް އެންމެ ފުރަތަމަ އުފައްދައި ގާއިމުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި، 30 ޖެނުއަރީ 2018 ގައެވެ. ނަމަވެސް ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވާފައިވަނީ 16 އޮކްޓޫބަރ 2019 ގައެވެ. އެމްބަސީ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދެވެ. އެމްބަސީ ހުންނަނީ ތައިލެންޑުގެ ވެރި ރަށް ބެންކޮކްގައެވެ. ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރައްވާފައިވަނީ މުހައްމަދު ޖިނާހުއެވެ. އަދި ޑެޕިއުޓީ އެމްބެސެޑަރަކީ ހުދާ އަލީ ޝަރީފެވެ.

ބެންކޮކްއަކީ ދިވެހިން ގިނައިން ދާ ރަށެއް ކަމުން މިކަމުގެ ސަބަބުން އެކި ބޭނުމުގައި ބެންކޮކްއަށް ދާ ދިވެހިންނަށް ފަސޭހަތަކެއް ވެގެންދާއެވެ. ހާއްސަކޮށް ވިޔަފާރި މުދާ ގެނައުމަށް ގިނަ ވިޔަފާރިވެރިން ބެންކޮކްއަށް ދެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި