ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިހާރު ހުޅުމާލޭގައި ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުން ށ. ގޮއިދޫ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގޮއިދޫން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު މިކުރީ އެޓީމުން މުބާރާތުގައި ބައިވެރިވި ފުރަތަމަ އަހަރު އެވެ. ގޮއިދޫ ޓީމުގެ ކޯޗަކީ ފުޓްސަލާއި ފުޓްބޯޅައިގައި ވެސް އަރަމުން އަންނަ، ކުރީގެ މަޝްހޫރު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ) އެވެ.

Ad
mooomoo 1

ގޮއިދޫ އިން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 3-2 އިން ކ. ގުރައިދޫ ބަލިކޮށްގެންނެވެ. ގޮއިދޫ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ދެ ވަނަ ބުރުގެ މެޗު ނުކުޅެ އޮޓަމެޓިކުންނެވެ. އަތޮޅު ޗެމްޕިއަންކަމާއި ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ގޮއިދޫ ދެ ވަނަ ބުރުގައި މެޗެއް ކުޅެން ނުޖެހުނީ އެޓީމާ ވާދަކުރަން އޮތް އައްޑޫ އަދި ފުވައްމުލައް ހިމެނޭ ޒޯން ހަތަކުން ރަނަރަޕް ޓީމެއް ނެތުމުންނެވެ. ގުރައިދޫ ދެ ވަނަ ބުރަށް ދަތުރުކުރީ ހަނިގޮތަކަށް ޒޯން ތިނެއްގެ ރަނަރަޕް ހޯދައިގެންނެވެ. އޭގެފަހުން ކުޅުނު ދެ ވަނަ ބުރުގެ މެޗުގައި އެޓީމުން ވަނީ 4-0 ގެ ތަފާތަކުން މ. ދިއްގަރު ބަލިކޮށްފަ އެވެ.

ސަޕޯޓަރުންގެ ހަޅޭކުގެ އަޑާއެކު ފޯރީގައި ކުރިއަށް ދިޔަ މި މެޗުގައި ގޮއިދޫން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ގާތްގާތުގައި ޖެހި ދެ ގޯލާއެކު ގުރައިދޫން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. 2-2 އިން މެޗު އެއްވަރުވެފައި އޮއްވައި ގޮއިދޫން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ މެޗު ނިމެން ހަ ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ޖެހި ގޯލުންނެވެ. މެޗުގައި ގޮއިދޫގެ ގޯލުތައް ޖަހައިދިނީ މުހައްމަދު މިސްބާހު އާއި ހުސައިން ނަސީމް އަދި އިބްރާހީމް އަލީ އެވެ. ގުރައިދޫގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ނަބީލް އާއި އަހުމަދު ޝުއޫން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގޮއިދޫ ޓީމުގެ މިސްބާހު އެވެ.

ސެމީ ފައިނަލުގައި ގޮއިދޫއާ ވާދަކުރާނީ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ސެމީގައި ވާދަކުރި އޭދަފުއްޓެވެ. މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކުޅޭނީ މާދަމާ ރެ އެވެ. ރޭގަނޑު 8:15 ގައި ފަށާ ފުރަތަމަ ސެމީގައި ވާދަކުރާނީ އޭދަފުއްޓާއި ގޮއިދޫ އެވެ. މި އަހަރުގެ މުބާރާތުގެ ގަދަ 4 ޓީމު ކަށަވަރުވެފައިވާއިރު ޖުމްލަ 66 ޓީމަކުން އައީ މުބާރާތުގައި ވާދަކުރަމުންނެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މުބާރާތް ފާހަގަކުރެވެނީ ވަރަށް ފޯރިގަދަ މުބާރާތެއްގެ ގޮތުގަ އެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 65،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަކަށް 25،000 ދޭން ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.

ނިޔާއާ އެކު އެޓީމުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު ފާހަގަކުރެވެނީ މުޅި ރަށުން އެޓީމަށް ދޭ ތަރުހީބެވެ. ޒޯން ޗެމްޕިއަންކަން ލިބުމުން ގޮއިދޫ ޓީމު އެނބުރި ރަށަށް ދިއުމުން ސަޕޯޓަރުން ވަނީ ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފަ އެވެ. އަދި، މުބާރާތުގެ މެޗުތައް ހުޅުމާލޭގައި ކުރިއަށްދާއިރު ވެސް އެންމެ ބޮޑަށް ފާހަގަކުރެވެނީ އެރަށުގެ ސަޕޯޓަރުންނެވެ.

"މި ޓީމުން ދައްކަމުން ގެންދާ ތަފާތު މޮޅު ކުޅުމުގެ މައިގަނޑު ސިއްރަކީ އެޓީމަށް ކޯޗް ކަން ކޮންދެމުން ގެންދާ، ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް މިޑްފިލްޑަރ ކަމުގައިވާ ކުރީގެ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބުގެ ކުޅުންތެރިޔާ އަޙްމަދު ނިޔާޒު (ނިޔާ) ގެ މޮޅު ރޭވުންތެރިކަމާއި، ޓީމުގެ ސަޕޯޓަރުން އާދަޔާ ޚިލާފު ރޫޙެއްގައި ދެމުން ގެންދާ އާދަޔާ ޚިލާފު ސަޕޯޓުކަން ފާހަކުރަން. އަދި ރައްޔިތުންނާއި ޓީމުގެ ހީވާގި މެނޭޖްމަންޓުގެ ބަދަހިކަމާއި މިކަމަށް ރަށުކައުންސިލުންދޭ އެއްބާރުލުން."

އޮފިޝަލް ބުންޏެވެ.

މި ކާމިޔާބީ ފާހާގަ ކުރުމަށް މިޓީމު ރަށަށް ދިޔަ ދަތުރަކީވެސް ތަފާތު އުފާތަކެއް އެ ޓީމަށާއި މުޅި އެރަށުގެ ރައްޔިތުންނަށް ލިބުނުކަމެއް ކަމަށް ޓީމުން ބުންޏެވެ. ރަށުން، މުޅި ޓީމަށް ވަނީ ރަތްދޫލައިގެ މަރުޙަބާއެއް ކިޔާފައެވެ. އަދި ޓީމުގެ ހޯދި ކާމިޔާބީގެ ޝަރަފުގައި މުޅި ރައްޔިތުން ޝާމިލްވާގޮތަށް "ށ.ގޮއިދޫ ފުޓްސަލް ޓީމަށް" ވަނީ ރައްޔިތުންގެ ފަރާތުން ޚާއްސަ ހަފްލާއެއް ބާއްވާފައެވެ.

Ad
df

”ޓީމް ކުރި ހިތްވަރަށް ކައުންސިލް ގެފަރާތުން ވަރަށްބޮޑަށް ޝުކުރިއްޔާ، މިކަމުގައި ޝާމިލްވާ ކުދިބޮޑު އެންމެހާ ރައްޔިތުންނާއި ކުޅުންތެރިން އަދި އަޅުގަނޑުމެންގެ ސްޕޮންސަރުން ގެ ނަން ޝުކުރުވެރި ކަމާއި އެކު ފާހަގަ ކޮއްލަން. ވަރަށްބޮޑަށް ޝުކުރިއްޔާ!” ގޮއިދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބުރާހިމް ޝާހިދު ވަނީ ވިދާޅުވެފައެވެ.