އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ބްރޯޑްބޭންޑް ޕޮލިސީއެއް ހަދައި އިންޓަނެޓު އަގިހެޔޮ ކުރުމުގެ މަސައްކަތްކުރަމުން ދާކަމަށް މިނިސްޓަރު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ވިދާޅުވީ ބްރޯޑްބޭންޑް ޕޮލިސީ ހަދައި ތަންފީޒުކުރަން ފެށުމުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، މަސް ނިމިގެންދާއިރު ބާކީ ހުންނަ ޑޭޓާ، ޖެހިގެން އަންނަ މަހު ބޭނުން ނުކުރެވުމުގެ މައްސަލަކަމަށާއި އެ ޕޮލިސީއާ އެކު އެ މައްސަލައަށް ހައްލު އަންނާނެ ކަމަށް ވިދާޅުވި އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ބްރޯޑްބޭންޑް ޕޮލިސީ ހަދާފައިވާ ގޮތުގެ އެސެސްމަންޓެއް ހަދާފައިވާ ކަމަށާއި އެހެންވެ އީޔޫ ޕޮލިސީތަކަކީ ބެންޗްމާކެއް ކަމަށް ބަަލައިގެން މަސައްކަތް ކުރަމުން އަންނަކަމަށް ސްޓޭޓް މިނިސްޓަރު އަހުމަދު އަފްޒަލް މިބައްދަލުވުމުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީޔޫ ގައުމުތަކުގައި ބްރޯޑްބޭންޑް ކަމަށް ބަޔާންކޮށްފައި ވަނީ 30 އެމްބީޕީއެސް ކަމަށާއި ރާއްޖޭގައި ވެސް އެއާ އެއް ވަރެއް ނުވަތަ ކައިރިކުރާ އަދަދެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/7ef4HKFB0f
— People's Majlis (@mvpeoplesmajlis) October 16, 2019
އިންޓަނެޓުގެ އަގުހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.
"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ މާތްﷲގެ ވާގިފުޅާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެއަށް ދެވޭ އިންޓަނެޓުގެ އަގު ހެޔޮވެގެންދާނެ. އެކަމާ ޝައްކު ނުކުރައްވާށޭ،"
މަލީހު ވިދާޅުވި އެވެ.
އިންޓަނެޓް އަގުހެޔޮކުރުމާ ގުޅޭގޮތުން ކޮމިއުނިކޭޝަން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ނިންމައި މިދިޔަ ޖޫން މަހު ވަނީ ރައީސް އޮފީހަށް ފޮނުވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!