ހަމަނުޖެހުމަށް ގޮވާލާ ގޮވާލުންތަކަށް ސަރުކާރުން ފުރުޞަތު ނުދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވއްޖެއެވެ.

ދ. ހުޅުދެލީގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެންޓިޓެރަރިޒަމްގެ ޤާނޫނަށް ގެންނެވި އިޞްލާހުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ މި އިޞްލާހު ގެނައުމުގެ ބޭނުމަކީ ރާއްޖޭގައި އޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުން ނޫންކަމަށެވެ. ޤާނޫނުއަސާސީން ލިބިދީފައިވާ އެއްވެސް މިނިވަންކަމަކަށް ސަރުކާރުން ހުރަސްނާޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ad
rt

ރާއްޖޭގައި އޮންނާނީ އިސްލާމްދީން، ދީނަށް ގޮންޖަހައި، ބަދުބަސްބުނެ، ކީރިތި ރަސޫލުﷲ صلّى اللّه عليه وسلّمއަށް މަލާމަތްކުރުމަށް ސަރުކާރުން ފުރުޞަތު ނުދެއްވާނެ އަދި އިސްލާމް ދީނުގެ ނަމުގައި ފިތުނަފަސާދަ އުފެއްދުމަށް ވެސް ޖާގަ ނުދެއްވާނެ

ރައީސުލްޖުމްހޫރިއްޔާ ދ. ހުޅުދެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަރައްޤީއަށްޓަކައި އެންމެ މުހިންމު ކަމަކީ ރާއްޖޭގައި ހަމަޖެހުން ޤާއިމުވެފައި އޮތުންކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ހަމަޖެހުން ނެތްތަނެއްގައި އިޤްޠިޞާދު ކުރިނާރާނެކަން ފާހަގަކުރައްވައި ސަރުކާރުގެ އެންމެ އިސްވާޖިބެއްކަމުގައި ދެކެވަޑައިގަންނަވަނީ ރާއްޖޭގައި ހަމަޖެހުން ޤާޢިމުކުރެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އެއްވެސް މީހަކު ސީރިޔާ ނުވަތަ އަފްޣާނިސްތާނު ފަދަ ޤައުމަކަށް ގޮސް އެތަންތަނުގައި ކުރާ ހަނގުރާމަ ތަކުގައި ބައިވެރިވާން ނުޖެހޭނެކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެތަންތަނުގައި ހިނގާ ހަނގުރާމަތަކަކީ ދުނިޔެވެސް ބަލައިނުގަންނަ ޓެރަރިޒަމްގެ ހަނގުރާމަތަކެއް ކަމުގައެވެ.

އަދި އެތަންތަނަށްގޮސް އެ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުން މިކަންކަމަށް ހިތްވަރުދީ، ބާރުދޭ ފަރާތްތައް ހޯދާ އެފަރާތްތައް ހުއްޓުވާނެކަމަށާ އެއީ ރާއްޖޭގެ ޞުލްޙައާ އަމާންކަމަށްޓަކައި އެއިރަކު އޮންނަ ސަރުކާރަކުން ކުރަންޖެހޭ ކަމެއްކަންވެސް ރައީސުލްހުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.