ހއ. ދިއްދޫގައި މި ރަމަޟާންމަހު ކުރިއަށް ގެންދިޔަ "ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދި ހއ. ދިއްދޫ، ޝެހެނާވިލާ/ އާމިނަތު ޝިއުރާ އިބްރާހިމަކީ، ކީރިތި ޤުރުއާނުގެ ފަންނުގައި ދިއްދޫއަށް އައު ނަމެއް ނޫނެވެ.
ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 ގައި މިހާރު ތަޢުލީމް ހާސިލް ކުރަމުން އަންނަ ޝިޢުރާއަކީ މަޑުމައިތިރި އެންމެންނާ ވެސް ގުޅޭ އަޚުލާގު ރަނގަޅު ކުއްޖެކެވެ.
ޝިޢުރާއަކީ ހއ. ދިއްދޫ ޝެހެނާވިލާ އިބްރާހިމް ރަޝީދުއާއި، އެ ރަށު އޯޝަންވިލާ ހައްވާ ރަޝީދާއަށް ލިބިފައިވާ ދެކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ޝިޢުރާ ފުރަތަމަ ޤުރުއާން މުބާރާތެއްގައި ވާދަކޮށްފައި ވަނީ އޭނާގެ އުމުރުން އެންމެ ހަތަރު އަހަރުގައެވެ.
އެއަށްފަހު ދިއްދޫގައި ބޭއްވި ކޮންމެ މުބާރާތެއްގައި ބައިވެރިވެ ކިޔަވަމުން އަންނަ ޝިޢުރާގެ ކާމިޔާބީގެ ލިސްޓަށް ބަލައިލުމުން، އޭނާގެ ޤުރުއާން އުނގެނި ކިޔަވަން ލޯބިކުރާ މިންވަރާއި، އެ ފަންނުގައި ހަގު އުމުރުގައި ވެސް ކުރިއެރުން ހޯދާފައިވާ މިންވަރު ވަރަށް ފުރިހަމައަށް ހާމަވެގެންދެއެވެ.
ޤުރުއާން މުބާރާތްތަކުގައި ޝިޢުރާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ދިއްދޫ ކައުންސިލް އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތްތަކުގެ ތެރެއިން އެއް މުބާރާތުން ތިންވަނަ، އެއް މުބާރާތުން ދެވަނަ އަދި އެއް މުބާރާތުން އެއްވަނަ ވަނީ ހޯދާފައެވެ. އަދި ދިއްދޫ ޗޭނު ޖަމްއިއްޔާއިން ބޭއްވި ޤުރުއާން މުބާރާތްތަކުން އެއް މުބާރާތުން ތިންވަނަ، އެއް މުބާރާތުން ދެވަނަ އަދި އެއް މުބާރާތުން އެއްވަނަ ވަނީ ހޯދާފައެވެ. މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަޠީފް މުޙައްމަދު ބޭއްވި ޤުރުއާން މުބާރާތްތަކުގެ ތެރެއިން އެއް މުބާރާތުން ތިންވަނަ، އެއް މުބާރާތުން ދެވަނަ އަދި އެއް މުބާރާތުން އެއްވަނަ ވަނީ ހޯދާފައެވެ.
މީގެއިތުރުން ޝިޢުރާވަނީ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ފާއިތުވި އަހަރު ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތުން އޭނާ ވާދަކުރި އުމުރުފުރާއިން ދެވަނަ ހޯދައި، މުޅި މުބާރާތުން ވެސް ދެވަނަ ހޯދާފައެވެ. އަދި 2019 ވަނަ އަހަރު ޕީ.އެސް.އެމް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ޤުރުއާން މުބާރާތުން ތިންވަނަ ޝިޢުރާ ވަނީ ހޯދާފައެވެ. މީގެ އިތުރުން ދިއްދޫ އެންމެ އަލިގަދަތަރި ހޮވުމަށް ބޭއްވި ފުރަތަމަ މުބާރާތް ކާމިޔާބުކޮށް، ދިއްދޫގެ އެންމެ އަލިގަދަތަރީގެ މަޤާމް ހޯދުމަކީ މި ލިސްޓަށް އިތުރުވި ބޮޅެކެވެ.
ތިލަދުން ނޫހާއި ވާހަކަ ދައްކަމުން ޝިޢުރާގެ މަންމަ ހައްވާ ރަޝީދާ ބުނެފައި ވަނީ ޝިޢުރާއަކީ އަބަދުވެސް ޤުރުއާން ކިޔަވަން ލޯބިކުރާ ކުއްޖެއް ކަމަށާއި، ހާއްސަކޮށް ޤުރުއާން ހިތުދަސް ކުރުމަށް އަހަންމިއްޔަތުކަން ދީ އެކަމަށް މަސައްކަތް ކުރަމުން އަންނަ ކުއްޖެއް ކަމަށެވެ.
ޝިޢުރާ މިހާރު ވެސް ކީރިތި ޤުރުއާނުގެ ސާދަ ފޮތް ހިތުދަސް ކޮށްފައިވާ ކަމަށާއި، ޝިޢުރާގެ މަންމައާއި ބައްޕަގެ އުންމީދަކީ އަދި އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޝިޢުރާ ޚަތިމް އެއްކޮށް ހިތުދަސްކޮށް ޙާފިޡްކަމުގެ ސަނަދު ހާސިލްކުރާ ދުވަސް ކަމަށެވެ. އަދި ޝިޢުރާގެ އުންމީދަކީ ވެސް އެއީ ކަމަށެވެ.
ޝިޢުރާއަށް ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކޮށް، އެ ފަންނު ކުރިއަރުވައި، އެ ފޮތަށް ހެޔޮގޮތުގައި ޢަމަލު ކުރުމުގެ ހެޔޮ ތަޢުފީޤް ﷲ ތަޢާލާ މިންވަރު ކުރައްވާށި! އާމީން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!