ށ. މިލަންދޫގައި ޔޫތު ލީޑާރސް ފޯރަމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ މިފޯރަމަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި މިލަންދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ފޯރަމެއް ކަމަށެވެ.
މިފޯރަމަކީ ށ އަތޮޅުގެ ރަށްތަކުގެ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ފޯރަމެކެވެ. ފޯރަމް ކުރިއަށްދާނީ އަންނަ މެއި މަހުގެ 19 އިން 22 ގެ ނިޔަލަށެވެ.
އެގޮތުން ށ އަތޮޅުގެ ކޮންމެ ރަށަކުން 5 ޒުވާނުން އަދި މިލަންދޫ އިން 40 ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިފޯރަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް ޚާއްޞަކޮށްފައިވާ ފުރުއްވާ ހުށައެޅުމަށް މިލަންދޫ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މިލަންދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މިފޯރަމަކީ ޒުވާނުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ފޯރަމެކެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުން މިކަމަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް އެކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިލަންދޫ ސްކޫލް ޓްރެއިނިންގ ހޯލްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!