ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބޭއްވި "ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ ދިއްދޫ، ޝެހެނާވިލާ/ އާމިނަތު ޝިޢުރާ އިބްރާހީމް ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލް ބުރަށް ހޮވުނު ފަސް ބައިވެރިން ވާދަކުރި "ގްރާންޑް ފިނާލޭ" އިވެންޓް ބާއްވާފައި ވަނީ 15 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ 21:30 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލަ އުތުރު މާލަމުގައެވެ.

Ad
rt

މި މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް އިނާމެއްގެ ގޮތުން އުމްރާ ދަތުރެއް ލިބިގެންދާއިރު، މުބާރާތުގެ އެއްވަނަ ހޯދާފައި ވަނީ ދިއްދޫ، ޝެހެނާވިލާ/ އާމިނަތު ޝިޢުރާ އިބްރާހީމެވެ. މިޑްލް ސްޕޯޓްސް ކުލަބުން ހާމަކޮށްފައިވާ ގޮތުގައި މުބާރާތުގެ އެއްވަނައަށް އެކިފަރާތްތަކުން ހުށަހަޅާފައިވާ އިނާމުތަކުގެ ޖުމްލަ އަގު އެއް ލައްކަރުފިޔާއަށް އަރާނެއެވެ.

މުބާރާތުން ދެވަނަ ހޯދާ ފަރާތަކަށް ވެސް ހެޔޮއެދޭ ފަރާތަކުން އުމްރާ ދަތުރެއް ހުށަހަޅާފައިވާއިރު، މުބާރާތުގެ ދެވަނަ ހޯދާފައި ވަނީ ޢަބްދުﷲ ޒައިން ބިން މުޙައްމަދެވެ. މުބާރާތުގެ ތިންވަނަ ހޯދާފައި ވަނީ ހުސައިން ޝަހުބާންއެވެ. މުބާރާތުގެ ހަތަރުވަނަ އަލްޙާފިޡާ ބައްސާމާ ސުލައިމާން ހޯދިއިރު، ފަސްވަނަ ހޯދާފައި ވަނީ މަރްޔަމް ނާޔާ އަހްމަދެވެ.

މި އިވެންޓް ޝަރަފްވެރި ކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. މީގެ އިތުރުން މި އިވެންޓްގައި ދިއްދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މުބާރާތުން ދެވަނަ ހޯދި ޒައިންއަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު އިނާމް ހަވާލުކޮށް ދެއްވަނީ، ފޮޓޯ: މިޑްލްސް ސްޕޯޓްސް ކްލަބް

މި މުބާރާތަކީ ޓީވީއެމްއިން ކޮންމެ އަހަރަކު ރަމަޟާން މަހު ގެނެސްދޭ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންގޮސްފައިވާ މުބާރާތަކެވެ.

މި މުބާރާތް ޖުމްލަ ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔައިރު، މުބާރާތް ފަށާފައި ވަނީ، މުބާރާތަށް ބައިވެރިން ހޮވުމަށް ބޭއްވި އޮޑިޝަނުން އެންމެ ރަނގަޅު ނަތީޖާ ހޯދި 20 ބައިވެރިންނާއި އެކުގައެވެ. ފުރަތަމަ ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދި 10 ބައިވެރިންނަށް ދެވަނަ ބުރުން ފުރުޞަތު ލިބުނުއިރު، ދެވަނަ ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދީ 5 ބައިވެރިންނަށް ވަނީ ފައިނަލުން ޖާގަ ލިބިފައެވެ. މުބާރާތުގެ ފައިނަލް އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ އެ ފަސްބައިވެރިންނާއި އެކުގައެވެ.

މުބާރާތުން ތިންވަނަ ހޯދި ޝަހުބާންއަށް ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް އިނާމް ހަވާލުކޮށް ދެއްވަނީ، ފޮޓޯ: މިޑްލްސް ސްޕޯޓްސް ކްލަބް

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައި ވަނީ ޤުރުއާނުގެ ޢިލްމު އުނގެނި، ގިނަ ޤުރުއާން މުބާރާތްތަކެއްގައި ފަނޑިޔާރުކަން ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ތިން ފަނޑިޔާރުން ކަމަށްވާ، ޞަބާހް އަލީ، ދުރަންފެންނަގޭ/ ގއ.މާމެންދޫ، އަލީ ޝަރީފް، ފޭރުގަސްދޮށުގެ/ ދ.މީދޫ، އަޝްރަޤް ނާޡިރު، ފެހިފަރުދާގެ/ މ.ވޭވަށް، އެވެ.

ރޭ ބޭއްވި މުބާރާތުގެ ފައިނަލް އިވެންޓުގައި މިޑްލް ސްޕޯޓްސް ކުލަބުން ވަނީ، މީގެ ދެވަނަ މުބާރާތް އަންނަ އަހަރު ބޭއްވުމަށް އެ ކުލަބުން ނިންމާފައިވާކަން އިޢުލާން ކޮށްފައެވެ. އެ ކުލަބުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުން އެއްވަނަ ހޯދި ފަރާތަށް މީގެ ދެވަނަ މުބާރާތުގައި ވާދަ ކުރުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ބައިވެރިންނާއެކު ޝަރަފްވެރި މެޚްމާން އިސްލާމިކް މިނިސްޓަރު ޒާހިރު އަދި ދިއްދޫ ދާއިރާގެ މެންބަރު ވަޙީދު

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ދިއްދޫގައި ފުޅާ ދާއިރާއެއްގައި އާންމު މުދާ ވިއްކަމުން އަންނަ ފިހާރައެއް ކަމުގައިވާ "ލިބޭ" ފިހާރައެވެ. އިތުރު ޕާޓްނަރުންގެ ގޮތުގައި މުބާރާތައް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ޔަލަމްލަމް ހައްޖު އެންޑް އުމަރާ، އެންޒެޑް، ސަން އޮފް ސެއިލަރ، ނިއުމަތް ދޯނި، ދިއްދޫ ކުރިމަގު ޖަމިއްޔާ، އީޒީ ފިލިން، އިހަވަންދޫ ބާބަކިއު ހަޓް، ދިއްދޫ އޮންލައިން، ކުޅުދުއްފުށީ ޑަބްލިއު ކުރާފްޓް، ދިއްގާ ފައުންޑޭޝަން، ދިއްދޫ ޕޮލިސް، ހއ.އަތޮޅު ކައުންސިލް، ހއ.އަތޮޅު ތަޢުލީމީ މަރުކަޒު، ހއ.ދިއްދޫ ކައުންސިލް، ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން އަލްޓްރާ ފެޝަން ހިމެނެއެވެ.

ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބަކީ، އެ ރަށުގައި ގިނަ އިޖުތިމާއީ ހަރަކާތްތަކެއް ތަކެއް ހިންގާ އެރަށުގެ ރައްޔިތުންނަށާއި، މުއައްސަސާތަކަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ހަރަކާތްތެރި ޖަމިއްޔާ އެކެވެ.