އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫންކަމަށާއި އެއީ މާތްﷲ ދެއްވި އަމާނާތެއް އަދި ބޮޑު ނިޢުމަތެއްކަމަށް ޑރ. އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ރަމާޟާންމަހު ކުރިއަށް ގެންދަވާ އިޙްޔާ ފޯރަމްގެ ރޭގެ ޕްރޮގްރާމްގައި ”ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން” މި މައުޟޫޢަށް ވާހަކަ ދައްކަވަމުން ޑރ. އަނާރާ ވިދާޅުވީ، އިންސާނާ އުފެދިފައިވަނީ މައިގަނޑު 3 ބަޔަކަށް ކަމަށާއި އެއީ ޖިސްމާއި، ރޫޙާއި، ނަފްސުކަމަށެވެ.
އިންސާނާގެ ނަފްސާ ބެހޭ ގޮތުން ވިދާޅުވީ ކޮންމެ ނަފްސަކަށްވެސް ހެޔޮގޮތާއި ނުބައިގޮތް އެނގޭކަމަށާއި، ހެޔޮތަށާއި ނުބައި ގޮތަށް އުޅެނީ އެ އިންސާނާ އަމިއްލައަށް އެނގިހުރެކަމަށެވެ. އަދި އިންސާނުންނަށް އޮތީ ނަފްސު ޠާހިރުކުރުންކަމަށާއި އެއީ އެގޮތަށް ކަންކުރުމުން އެ އިންސާނާ ބާއްޖަވެރިންގެ ތެރޭގައި ހިމެނޭތީކަމަށެވެ.
ޑރ އަނާރާ ވިދާޅުވީ، ނަފްސަށް އަޅާލާ އޯގާތެރިވުން އެއީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބެއްކަމަށެވެ. އަދި ނަފްސަށް އަޅާލުމަށާއި ނަފްސަށް އަޅާލުމުގެ މުހިންމުކަމާ ބެހޭ ގޮތުން، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާއިރު ސުންނަތުންވެސް މިކަން ސާފުކޮށް އެނގެން އޮންނަ ކަމަށާއި، އަދި ޢިލްމުވެރިންވެސް އެތައް ފޮތެއް މިކަމާ ގުޅޭގޮތުން ލިޔުއްވާފައިވާކަމަށް ވިދާޅުވިއެވެ.
އަމިއްލަ ނަފްސަށް އަޅާލާފަދައިން އެހެންމީހުންގެ ނަފްސާމެދުވެސް އަޅާލަންޖެހޭކަން ފާހަގަ ކުރަށްވަމުން ޑރ. އަނާރާ ވިދާޅުވީ، ކޮންމެ މީހަކުވެސް ހިތްހަމަޖެހިގެންވާ ފުރާނައެއްގެ ނަފްސަކަށް ވާންޖެހޭކަމަށާއި ނަފްސު އިޞްލާހުކުރުމުގައިވެސް މިފަދަ ނަފްސެއް ލިބިގަތުމަށް މަސައްކަތް ކުރުން ވަރަށް މުހިންމުކަމަށް ވިދާޅުވިއެވެ.
މިފަދަ ނަފްސުގެ އަހުލުވެރިން ކުރާ ކޮންމެ ކަމެއް ކުރުމުގައިވެސް އެކަމަކީ މާތްﷲ ރުހިވޮޑިގެންވާ ކަމެއްތޯ ބަލާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ މީހުން ދީނުގައި ލައްވަވާފައިވާ ކަންތައްތައް ކުރުމަށް އިސްކަންދީ އެގޮތަށް ޢަމަލުތައް ބަހައްޓާނެކަމަށާއި، މުސްލިމުންނަށް ފަސްވަގުތު ނަމާދުކުރުމާއި، އަހަރަކު އެއްފަހަރު އަންނަ ރަމަޟާންމަހު ރޯދަ ހިފުމާއި، ޢުމުރުން އެއްފަހަރު ކުޅަދާނަކަން ހުރިނަމަ ޙައްޖުވުންފަދަ އަޅުކަންތައް ހިމެނޭއިރު މި އަޅުކަންތަކުގައި ހުންނަނީ، މާތްﷲ ދެއްވަވާފައިވާ ނިޢުމަތްތަކާ އަޅާބަލާނަމަ ވަރަށް މަދު ތަކުލީފުތަކެއްކަމަށް ވިދާޅުވިއެވެ.
ޑރ. އަނާރާ ވިދާޅުވީ އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުންވާނެ އެއްވެސްކަމެއް ކުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!