ކުޅިވަރު މުބާރާތްތަކުގައި ށ. ފޭދޫ ތަމްސީލްކުރާ ޓީމްތަކުން ބޭނުންކުރާނެ ލޯގޯތައް ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ފޭދޫ ކައުންސިލުން ހުޅުވާލައިފިއެވެ.
މިއަދު އެ ކައުންސިލުން ހުޅުވާލާފައި ވަނީ އެ ރަށް ތަމްސީލްކުރާ ތިން ކުޅިވަރެއްގައި ބޭނުންކުރާނެ ތިން ލޯގޯއެއް ފަރުމާ ކުރުމުގެ ފުރުޞަތެވެ. އެ ކުޅިވަރު ތަކަކީ ފުޓްބޯޅައާއި ވޮލީބޯޅައިގެ އިތުރުން ހޭންޑްބޯޅައެވެ.
އެ އިޢުލާނާއިއެކު ލޯގޯތަށް ފަރުމާ ކުރުމުގައި ހުންނަންވާނޭ ޝަރުތުތަކުގެ ތަފްސީލް ވެސް ވަނީ ހިމަނާފައެވެ. މިގޮތުން ބުނެފައިވާ ތިން ކުޅިވަރަށް ކޮންމެ ކުޅިވަރަކަށް ވަކިން ލޯގޯ ހުށަހަޅަން ޖެހެއެވެ.
ހުށަހަޅާ ލޯގޯގެ އިތުރުން ހުށަހަޅާ ދިދައިގެ ސޮފްޓް ވެކްޓަފައިލަކަށް ވުމާއި، ހުށަހަޅާ ލޯގޯއާއި ދިދައިގެ ރިސޮލިއުޝަން 300dpi އަށްވުރެ މަތިވާންވާންޖެހެއެވެ.
ހުށަހަޅާ ލޯގޯ ރީސައިޒުކޮށް ކުޑަކުރުމުން ނުވަތަ ބޮޑުކުރުމުން ލޯގޯގެ އަސްލު ނުގެއްލުމާއި، ހުށަހަޅާ ލޯގޯ ފޮތިފަދަ ތަކެއްޗަށް ޕްރިންޓް ކުރެވޭފަދަ ލޯގޯ ޑިޒައިންއަކަށް ވާންޖެހެއެވެ.
ލޯގޯ ފަރުމާ ކުރުމުގައި ތިން ކުލައެއް (RGB 120,190,33, RGB 255, 215,0, RGB 251, 255,255 ) ބޭނުން ކުރުމަށް ޝަރުތު ކޮށްފައިވާއިރު، ކުލަ ލޯގޯތަކާއި ކަޅާއި ހުދުން ހިމެނޭ ބްލެކް އެންޑް ވައިޓް ވާޝަން ވެސް ހުށަހަޅަން ޖެހެއެވެ. މީގެ އިތުރުން ލޯގޯގައި ބޭނުންކުރި ފޮންޓާއި، ފޮންޓް ސައިޒު ވެސް ހުށަހަޅަން ޖެހެއެވެ.
ލޯގޯގައި ބަހެއް ނުވަތަ ލަފްޒެއް ނުވަތަ ނަމެއް ލިޔާނަމަ ލޯގޯގެ 2 ވާޝަންއެއް ހުށަހަޅަން ޖެހެއެވެ. އެއީ ދިވެހި ބަހުން ހުށަހަޅާ ވާޝަންއަކާއި އިނގިރޭސި ބަހުން ހުށަހަޅާ ވާޝަންއެވެ.
ލޯގޯއާއި ދިދައިން ރަމްޒުކޮށްދޭ ކަމެއް ނުވަތަ ކަންތައްތަކެއް ލިޔުމުން ހުށަހަޅަން ޖެހޭއިރު ލޯގޯއާއިއެކު ބްރޭންޑިންގ (މޮކަޕް) އާއި ޓީޝާޓާއި ތޮފިފަދަ ތަކެތީގައި ބޭނުންކުރުމުން ހުންނާނެގޮތް ވެސް ހުށަހަޅަން ޖެހެއެވެ.
ކޮންމެ ފަރާތަކަށް ވެސް ލޯގޯ ފަރުމާކޮސް އެއް ޕްރިޕޯސަލް ހުށަހަޅަން ފުރުޞަތު ހުޅުވާލާފައިވާއިރު، އެ ޕްރޮޕޯސަލްގައި ކިތަންމެ ބައިވަރު ލޯގޯ ދިޒައިންތަކެއް ވެސް ހިމެނިދާނެއެވެ.
އެއްވަނައަށް ހޮވޭ ކޮންމެ ލޯގޯއަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ލޯގޯގެ ފަރުމާތައް 21 އޭޕްރިލް 2022 ގެ 13:00ކުރިން info@feydhoo.gov.mv އަށް މެއިލް ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!