ހދ.ހަނިމާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިގައިވާ "ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތް 1443" ގައި ބައިވެރި ވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގައި ދިރިއުޅޭ ކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނާއި މެދު ޝައުޤު އުފެއްދުމާއި ލޯބި އިތުރުކޮށް ކިޔެވުމުގެ ރޫޙު އާލާކުރުމާއި، ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތި ރާގުގައި ޤުރްއާން ކިޔަވާ ދިވެހި ދަރިންތަކެއް އުފެއްދުމާއި އަދި އެކަމަށްޓަކައި ވާދަވެރި މާހައުލެއް އުފެއްދުމެވެ.

Ad
rt

މީގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި ތަޖުވީދުމަގަށް ކިޔެވުމަށް ހިތްވަރު ދިނުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ކީރިތި ޤުރްއާނުގައިވާ ﷲގެ އަމުރުފުޅުތަކާއި އެއްގޮތަށް ޢަމަލުކުރާ ދަރިންތަކެއް އުފެއްދުމާއި ޤުރްއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކާއިމެދު ވިސްނާ ފިކުރުކޮށް ދިރާސާ ކުރެވޭވަރުގެ ދަރިންތަކެއް އުފެއްދުމުގެ އިތުރުން ހަނިމާދޫއިން ޤައުމީ ފެންވަރުގައި ވާދަކުރެވޭވަރުގެ ޤާބިލް ދަރިންތަކެއް ބިނާކުރުން ހިމެނެއެވެ.

މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަނިމާދޫ ކައުންސިލުން ނިންމާފައި ވަނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އެކަންޏެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 28 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެ އިދާރާއަށް ހުށަހެޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ދުވަސްދުވަހުގެ ހެނދުނު 09:00 އިން 13:00 އަށެވެ.

އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި އެ ކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި، އަދި މުބާރާތުގެ ޤަވައިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެ ކައުންސިލްގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަމަށެވެ.

ހަނިމާދޫ ކައުންސިލުން ވަނީ މި މުބާރާތް ހޯސްޓް ކޮސްދޭނެ ފަރާތެއް ހޯދުމަށް އިއްޔެ އިޢުލާން ކޮށްފައެވެ. އެ އިޢުލާނުގައި ވިދާޅުވެފައި ވަނީ ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތް ހޯސްޓް ކޮށްދޭން ޝަޢުޤުވެރިވާ ފަރާތްތަކުން 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ 10:30 އަށް އެ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 27 އޭޕްރިލް 2022 ވާ ބުދަ ދުވަހުގެ 10:30 އަށް ހަނިމާދޫ ކައުންސިލް ކޮންފަރެންސް ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށެވެ.