ހއ. ދިއްދޫގައި މަސް ކައްކާ ހިއްކުމަށާއި، މަހުގެ ވިޔަފާރި ކުރުމަށް ވަގުތީގޮތުން ބިން ދޫކުރުމަށް ނިންމައި ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދިއްދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

ދިއްދޫގައި މަސް ކައްކައި ހިއްކައި، މަހުގެ ވިޔަފާރި މިހާރު ވެސް ކުރަމުން އަންނަ، އެ ރަށުގެ ދެކުނު ސަރަހައްދުން 100 އަކަފޫޓުގެ ބިމެއް 2 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ދިއްދޫ ކައުންސިލުން ނިންމާފައި ވަނީ އެ ކައުންސިލްގެ 3 ވަނަ ދައުރުގެ 34 ވަނަ އާންމު ބައްދަލުވުމުގައެވެ.

Ad
rt

އެ ބިން ކުއްޔަށް ހިފަން ބޭނުންފުޅުވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓަރީ ވުމުގެ ފުރުޞަތު އެ ކައުންސިލުން ވަނީ މިއަދުން ފެށިގެން 13 އޭޕްރީލް 2022 ގެ ނިޔަލަށް ހުޅުވާލާފައެވެ. ބީލަމުގައި ރަޖިސްޓަރީވުމަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ ކަނޑައެޅިފައިވާ މުއްދަތުގައި info@hadhidhoo.gov.mv މި މެއިލްއަށް މެއިލް ކޮށްގެން ބީލަންމުގައި ރަޖިސްޓަރީވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. ރަޖިސްޓަރީވުމަށް އެދޭ ފޯމް ލިބެން ހުންނާނީ ދިއްދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ.

ބީލަން ހުށަހަޅުއްވާއިރު އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބިމުގެ އަކަފޫޓަކަށް މަހަކު 80/- (އަށްޑިހަލާރި) ލާރި ކަމަށާއި ބިން ކުއްޔަށް ދެވޭނީ، ހުށަހެޅޭ ބީލަންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ބީލަމުގައި ބައިވެރިވުމަށް -/50ރ (ފަންސާސް ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭއިރު، ރަޖިސްޓްރޭޝަން އަށް ދައްކާ ފައިސާއަކީ، އަބުރާ ލިބޭނެ ފައިސާއެއް ނޫން ކަމުގައި އެ ކަންސިލުން ވަނީ ހާމަ ކޮށްފައެވެ.

ރަޖިސްޓަރީ ވާ ކޮންމެ ފަރާތަކަށްވެސް ބީލަމުގެ މަޢުލޫމާތު ކަރުދާސް ބަލަން ރަޖިސްޓަރީކުރުމަށް އެދޭ ފޯމުގައިވާ މެއިލް އެޑްރެސްއަށް އެ ކައުންސިލުން މެއިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އެ ކައުންސިލްގެ ފޯނު ނަންބަރ 6500019 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

މިކަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 14 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 10:45 ގައި ދިއްދޫ ކައުންސިލްގެ އިދާރާގައެވެ.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 17 އޭޕްރީލް 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ދިއްދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.