ރަމަޟާން ހަމަށް ތައްޔާރުވުމުގެ ގޮތުން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އެ ރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތްކަމުގައިވާ މަސްޖިދުއްތަޢުބާގައި އައު އިސްކޫރުބަރިއަކާއި ފާޚާނާއެއް ތަރައްޤީކޮށް ހުޅުވައިފިއެވެ.

ޖުމަލަ 14 އިސްކުރާއި ފާޚާނާއެއް ހިމެނޭހެން ތަރައްޤީ ކޮށްފައިވާ، އިސްކޫރުބަރި ރަސްމީކޮށް ހުޅުވާފައިވަނީ 01 އޭޕްރިލް 2022 ވަނަ ދުވަހުގެ ރޭ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad
rt

މިކަމާއި ގުޅޭގޮތުން "ތިލަދުން" އާއި މަޢުލޫމާތު ހިއްސާކުރައްވަމުން އިމަގުގެ މީޑިއާ ކޯޑިނޭޓަރ ސައުދުﷲ އަހްމަދު ރަޝީދު ވިދާޅުވެފައި ވަނީ، އިމަގުން އިސްނަގައިގެން އެ ރަށު ތަޢުބާ މިސްކިތުގައި ވުޟޫކުރުމަށް އައު އިސްކޫރު ބަރިއެއް ހަދަން ނިންމި އެންމެ ބޮޑު ސަބަބަކީ، އެ މިސްކިތަކީ އަންހެނުންނަށް ވެސް ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ މިސްކިތަކަށްވެފައި، މިހާރު ވުޟޫ ކުރުމަށް ބޭނުން ކުރަމުންދާ އިސްކޫރުބަރި އިމާރާތް ކުރެވިފައި ހުންނަނީ އަންހެނުން ނަމާދުކުރާ ބަޔާއި ބޮޑަށް ކައިރީގައި ކަމަށްވުމާއެކު، އެ އިންތިޒާމް ފިރިހެނުން ނަމާދުކުރުމަށް ބޭނުންކުރާބަޔާއި ގާތުން ލިބޭނޭ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.

ސައުދުﷲ އިތުރަށް ވިދާޅުވެފައި ވަނީ އިސްކޫރުބަރީގެ އަމަލީ ހުރިހާ މަސައްކަތެއް ވެސް ހިލޭ ސާބަހަށް ކޮށްފައިވަނީ އެ ޖަމިއްޔާގެ މެމްބަރުން ކަމަށާއި، މިކަމަށް ބޭނުންވާ ހުރިހާ ޚަރަދެއް ހަމަޖައްސައި ދެއްވާފައި ވަނީ ހެޔޮއެދޭ ފަރާތަކުން ކަމަށެވެ. މަސައްކަތް ފެށިތާ އެންމެ ހަތް ދުވަސްތެރޭ އެތަން ނިންމައި ރަސްމީކޮށް ހުޅުވާފައިވާއިރު، ސައުދުﷲ ވަނީ އެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އިމަގު ޖަމްޢިއްޔާއަކީ ވޭތުވިދިޔަ 25 އަހަރު ދުވަހު އިހަވަންދޫގެ ތަރައްގީއަށާއި، ކުރިއެރުމަށާއި ރަށުގެ އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް ރަށުގެ ރައްޔިތުންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުންދާ ޖަމްޢިއްޔާއެކެވެ.

އިމަގު ޖަމިއްޔާއަކީ މުޅި އުތުރުން ވެސް ފާހަގަކޮށްލެވޭ ވަރަށް ހަރަކާތްތެރި، ވަރަށް ޚިދުމަތްތެރި ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާ އުފެދިފައި ވަނީ 1996 ވަނަ އަހަރުއެވެ. އިމަގު ޖަމްޢިއްޔާއަކީ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން ޤައުމީ އިނާމް ވެސް ހާސިލް ކޮށްފައިވާ ޖަމްޢިއްޔާއެކެވެ.