ށ. ފޭދޫގައި ދިރިއުޅޭ ހާއްސައެހީއަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަނެ އެމީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް އެރަށު ކައުންސިލުން ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ފަށައިފިއެވެ.

ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް "ތިލަދުން"އަށް ވިދާޅުވީ، މިއީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް 8 ވަނަ އިސްލާޙް ގެނެވުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގެ ތެރެއިން ފަށާފައިވާ ހަރަކާތެއްކަމަށެވެ.

Ad
rt

"އެ ޤާނޫނުގައި ބުނާގޮތުން ކޮންމެ ހަތަރު މަހަކު އެރަށެއްގައި ދިރިއުޅޭ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަނެ، އެމީހުންގެ ކަންބޮޑުވުންތައް ކައުންސިލްތަކުން އޮޅުން ފިލުވަންޖެހޭ، އަދި އެކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ހައްލު ހޯދައިދިނުމަށް މަސައްކަތްކުރަންޖެހޭ، އެހެންވީމަ އަޅުގަނޑުމެންވެސް މީގެފަހުން ކޮންމެ ހަތަރު މަހަކުން މިހަރަކާތް ހިންގާނަން" ރައިޝަމް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި މި ހަރަކާތް ނިންމާލެވޭނީ މާދަމާއަށް ކަމަށް ރައިޝަމް ވަނީ ވިދާޅުވެފައެވެ. އަދި އެ ހަރަކާތުގެ ތެރެއިން އެރަށުގައި ދިރިއުޅޭ ހާއްސައެހީއަށް ބޭނުންވާ މީހުންގެ ކަންބޮޑުވުންތައް އަޑުއަހައި، ނޯޓުކޮށް ރިޕޯޓެއްގެ ސިފާގައި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިރަށުގައި މިވަގުތު ވެސް ވިހި މީހުނަށްވުރެ ގިނަ މީހުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވޭ، އަޅުގަނޑުމެން އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާނަން" ރައިޝަމް ވިދާޅުވިއެވެ.