ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ "ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ޤުރުއާން މުބާރާތް މިރޭ ފަށާއިރު، މުބާރާތުގެ ކިޔެވުން އަޑުއަހާލަން ދިއްދޫ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އެ ކުލަބުގެ ފަރާތުން ދަޢުވަތު އަރުވައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލަ އުތުރު މާލަމުގައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:20 ގައެވެ. މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ޓީވީއެމްއިން ކޮންމެ އަހަރަކު ރަމަޟާން މަހު ގެނެސްދޭ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުބާރާތެކެވެ.
މިގޮތުން މި މުބާރާތުގެ އޮޑިޝަން ވަނީ މި އަހަރުގެ ފެބްރުއަރީ މަސް ތެރޭ ބާއްވައި އެންމެ މޮޅު 20 ބައިވެރިން ހޮވާފައެވެ. ވުމާއެކު މި މުބާރާތުން ފެނިގެންދާނީ ޖުމްލަ ވިހި ބައިވެރިންނެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ދިއްދޫގައި ފުޅާ ދާއިރާއެއްގައި އާންމު މުދާ ވިއްކަމުން އަންނަ ފިހާރައެއް ކަމުގައިވާ "ލިބޭ" ފިހާރައެވެ. އިތުރު ޕާޓްނަރުންގެ ގޮތުގައި މުބާރާތައް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ޔަލަމްލަމް ހައްޖު އެންޑް އުމަރާ، އެންޒެޑް، ސަން އޮފް ސެއިލަރ، ނިއުމަތް ދޯނި، ދިއްދޫ ކުރިމަގު ޖަމިއްޔާ، އީޒީ ފިލިން، އިހަވަންދޫ ބާބަކިއު ހަޓް، ދިއްދޫ އޮންލައިން، ކުޅުދުއްފުށީ ޑަބްލިއު ކުރާފްޓް، ދިއްގާ ފައުންޑޭޝަން، ދިއްދޫ ޕޮލިސް، ހއ.އަތޮޅު ކައުންސިލް، ހއ.އަތޮޅު ތަޢުލީމީ މަރުކަޒު، ހއ.ދިއްދޫ ކައުންސިލް، ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން އަލްޓްރާ ފެޝަން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!