ށ. މިލަންދޫގެ މުއައްސަސާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރި ކުރުވުމުގެ ގޮތުން، ލީޑަރޝިޕް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އަމިއްލަ ކޮލެޖެއްކަމަށްވާ، އެވިޑް ކޮލެޖްއާއި މިލަންދޫ ކައުންސިލް ގުޅިގެންނެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ.
އެގޮތުން މިޕްރޮގްރާމްގައި މިލަންދޫ ސްކޫލް، ސިއްޚީ މަރުކަޒު، ފެނަކަ، މިލަންދޫ ޕޮލިސްގެ އިތުރުން ކައުންސިލުން ވަނީ ބައިވެރިވެފައެވެ.
މިލަދުންދޫގައި އެވިޑުން ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: މިލަންދޫ ކައުންސިލް
އެކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މިޕްރޮގްރާމްގެ ތެރެއިން ލީޑަރޝިޕްއާއި، ދިވެހިބަސް ބޭނުން ކުރުމުގެ އުސޫލުތަކާއ އަދިި އިދާރީ ގޮތުން ކުރާ މަސައްކަތްތަކުގައި ފަރުވާތެރިވާން ޖެހޭ ކަންކަން އެމުއައްސަސާތަކުގެ މުވައްޒަފުންނާއި ވަނީ ހިއްސާކޮށްފައެވެ.
ލީޑަރޝިޕް އާއި ގުޅޭގޮތުން މައުލޫމާތު ދީފައިވަނީ އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރ އަޙްމަދު ފަޔާޒެވެ. އަދި ދިވެހި ބަހަށް ހޭލުންތެރިވުމާއި ގުޅޭގޮތުން މައުލޫމާތު ދީފައިވަނީ ފެކަލްޓީގެ ޑީން އަޝްރަފް އަލީއެވެ.
މިލަންދޫ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނަކީ ބަހަށް ހޭލުންތެރި ބަޔަކަށް ހެދުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!