ހދ. ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމުގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި މުއައްސަސާތަކަށާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ހިރަފުސް އިންޓަ އޮފީސް ފުޓްސަލް ޗެލެންޖް 2022" ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ) އިން ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ) އާއި އެސްޓީއޯ ރިކްރިއޭޝަން ކުލަބެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ކޭސީޕީއެވެ.
ފައިނަލް މެޗުގައި ކޭސީޕީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފަހު ވަގުތު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 21، އަހްމަދު ޤާސިމެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެސްޓީއޯގެ ޖޯޒީ ނަމްބަރު 3 އަމްޖަދު މޫސާއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަކީ ކޭސީޕީގެ ޖޯޒީ ނަމްބަރު 21 އަހްމަދު ޤާސިމް، އެސްޓީއޯގެ ޖޯޒީ ނަމްބަރު 18 ހަސަން މުހައްމަދު، ކޭސީޕީގެ ޖޯޒީ ނަމްބަރު 23 އަހްމަދު ޝަރުވާން، އެސްޓީއޯގެ ޖޯޒީ ނަމްބަރު 17 އަހްމަދު ނަދީމްގެ އިތުރުން ކޭސީޕީގެ ޖޯޒީ ނަމްބަރު 8 އަހްމަދު މުހައްމަދެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހާފައި ވަނީ ކޭޕީއެލްގެ ޖޯޒީ ނަމްބަރު 11 އަމްޖަދު ހަސަންއެވެ. އޭނާ މުބާރާތުގައި ޖުމްލަ 11 ލަނޑު ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް (ކިންގް އޮފް ދަ ޓޯނަމަންޓް) ހޮވިފައި ވަނީ ކޭޕީއެލްގެ ޖޯޒީ ނަމްބަރު 23 އަހްމަދު ޝަރުވާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!