މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ދިވެހިރާއްޖޭގެ ހުރިހާ މުޖްތަމަޢުއެއްގައި ގާއިމު ކުރާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ޕްރޮގްރާމް ށ. އަތޮޅުގައި މިއަދު އިފްތިތާޙްކޮށްފިއެވެ.
މިއަދު ހެނދުނު 11:00 ގައި ށ. އަތޮޅުވެހީގެ ކޮންފަރެންސް ހޯލުގައި މިކަމަށް ބޭއްވުނު ރަސްމިއްޔާތެއްގައި އިބަމަ އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއެވެ.
މި ރަސްމިއްޔާތުގައި 2022 މާރިޗު 20 އިން 23 އަށް ކުރިޔަށް ގެންދެވުނު އިބަމަ އިނީޝިއަލް ޓްރޭޓިންގ ޕްރޮގްރާމު ފުރިހަމަކުރެއްވި ފަރާތްތަކަށް ސެޓްފިކެޓްތައް ކުރުން އޮތެވެ. މި ނަމްބަރު ފުރިހަމަކޮށްދެއްވީ ވެސް ޖެންޑާ މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިބަމަގެ އޮރިއެންޓޭޝަން ސެޝަން ހުށަހަޅުއްވައިދެއްވީ އިބަމަ ކޮންސަލްޓެންޓް ފާޠިމަތު ސެހެޒިނީއެވެ. އަދި އިބަމަ މެންބަރުންގެ ފަރާތުން ވާހަކަދެއްކެވީ އިބަމަ މެންބަރު އަޙްމަދު ސުނީލްއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި އިބަމަގެ މެންބަރުންނަށް ދެއްވަން އޮތް މެސެޖެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، ކަމެއްކުރަން ބޭނުންނަމަ ވަރަށްގިނަ ބޮޑެތި ރާޅުތަކާއި، ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކާ ކުރިމަތިވާނެ ކަމަށާއި، އެކަންކަން ކަޑައްތު ވެސް ކުރެވޭނެ ކަމަށެވެ. އަދި އެކަންކަން ކަޑައްތުކޮށްފައި ގޮސް އެކަން އެ ފެންވަރުގައި ކުރެވޭނެ ކަމަށާއި، އެހިސާބަށް އަޅުގަނޑުމެން ދިއުމަކީ އަމިއްލަ ކަމެއްކަމަށް ވިދާޅުވިއެވެ.
އިބަމައިގައި ހިމެނޭ މެންބަރުންނަކީ ކޮންމެ ރަށެއް/އަވަށެއްގައި ޤާއިމުވެފައިހުރި ގުޅުންހުރި މުއައްސަސާތަކުން ކަނޑައެޅޭ ފަރާތްތަކެކެވެ. އެ ފަރާތްތަކުގެ ތެރޭގައި ރަށު އަވަށު ކައުންސިލުން ކައުންސިލަރެއް، ޒިންމާދާރުވެރިޔާ ސެކްރެޓަރީ ޖެނެރަލް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ކަނޑައެޅޭ ފަރާތެއް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތެއް، ތަޢުލީމީ ދާއިރާއިން ކޮންމެ ސްކޫލެއްގެ ޗައިލްޑް ޕްރޮޓެކްޝަން ލިއޭޒަން އޮފިސަރ، ފުލުހުންގެ ތެރެއިން ކަނޑައެޅޭ ފަރާތެއް، ޞިއްޙީ ދާއިރާއިން ކަނޑައެޅޭ ފަރާތެއް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކަނޑައެޅޭ ފަރާތެއް ހިމެނެއެވެ.
އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި މުޖުތަމަޢުގެ އިންސާނީ ޙައްޤުތަކަށް ފަހި އަސަރު ކުރާނެ ކަމަށާއި އިބަމައިގެ މައިގަނޑު މަސައްކަތް ޓާގެޓް ކުރެވިފައިވަނީ އިޖްތިމާޢީ ރައްކާތެރިކަން ބޭނުންވާފަރާތްތަކަށް ރަށުފެންވަރުގައި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމުގައިވާތީ، މިމަސައްކަތުގެ ސަބަބުން އިންސާނީ ޙައްޤުތައް އެންމެނަށް ހަމަހަމަކޮށް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޖެންޑާ މިނިސްޓްރީން ފާހަގަ ކުރަށްވައެވެ. އަދި އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި މުޖުތަމަޢުގައި ދެޖިންސުގެ ހަމަހަމަކަމަށް ސީދާ އަދި ނުސީދާ ގޮތުންވެސް އެދެވޭ ބޭނުންތެރި އަސަރުތަކެއް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ޖެންޑަރ މިނިސްޓްރީ ގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ގޮތެއްގައި އެހީތެރިކަން ބޭނުންވާ، ނާޒުކު ހާލަތަކަށް ގޮސްފައިވާ ނުވަތަ އެފަދަ ހާލަތަކަށް ހިނގައިދާނެކަމުގައި ބެލެވޭ ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، ގެވެށި އަނިޔާ އަދި އެހެނިހެންވެސް އަނިޔާ ލިބިފައިވާ އަންހެނުންނާއި ފިރިހެނުންނާއި އާއިލާތައް ފާހަގަކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެފަރާތްތަކަކީ އިޖްތިމާޢީ ރައްކާތެރިކަން ލިބިގެންވާ ބައެއްކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އިޖްތިމާޢީ ރައްކާތެރިކަމަށް މަސައްކަތްކުރާ އެންމެހާ ދައުލަތުގެ މުއައްސަސާތައް ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ދިވެހިރާއްޖޭގެ މުޖުތަމަޢުތަކުގައި މަދަދުވެރިންގެ ގްރޫޕްތަކެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައިވާކަމަށް ޖެންޑާއިން ވިދާޅުވެއެވެ.
އިބަމަ (އިޖްތިމާޢީ ބަދަހި މަދަދުވެރީން) އަކީ ދިވެހިރާއްޖޭގެ މުޖްތަމަޢުތަކުގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕްސް' ގެ ގޮތުގައި ވިޔަނުދިނުމާއި، އަދި ރައްކާތެރިކަމުގެ ނަޒަރުން ވިސްނައިގެން ފަޚުރުވެރި އާއިލާތަކާއި ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރުމަށްޓަކައި އެންމެހާ ހިއްސާދާރުން ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރުމުގެ ތެރެއިން މުޖްތަމަޢުގެ އިޖްތިމާޢީ ހާލަތު ދެނެގަނެ، މުޖުތަމަޢުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ އިޖްތިމާޢީ ޚިދުމަތްތައް ކަމާބެހޭ ދާއިރާތަކާއިއެކު ވިލަރެސްކޮށް ފޯރުކޮށްދިނުމާއި، އެފަދަ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަނިޔާ ހުއްޓުވާ، ރައްކާތެރި މުޖުތަމައެއް ކަށަވަރު ކޮށްދިނުމާއި އަދި އާންމު ފަރުދުންނާއި އާއިލާތަކާއި މުއައްސަސާތަކުގެ ދެމެދުގައި ދުޅަހެޔޮ ގުޅުންތައް އުފެއްދުމަށް އެހީތެރިވެދީ ބާރުއަޅާ މަސައްކަތްތައް ކުރާނޭ ފަރާތްތަކެއް ކަމަށް ވެސް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!