ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްފިއެވެ.

'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްވީ، މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

Ad
rt

ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތަށް ކަނޑައެޅުމެވެ.

މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު، އަޙްމަދު މުޢުތަޞިމް ޢަދުނާން ސްޓޭޓް އޮފް ޖުޑީޝަރީ އެޑްރެސް އިއްވަވާފައިވާއިރު، ޝަރުޢީ ދާއިރާގެ 2021 ވަނަ އަހަރުގެ މަސައްކަތްތައް އަދި 2022 ވަނަ އަހަރުގެ ލަނޑުދަނޑިތައް ދައްކުވައިދޭ ވީޑިއޯ ޕްރެސެންޓޭޝަނެއް ވެސް މި ރަސްމިއްޔާތުގައި ވަނީ ދައްކާފައެވެ.

މި ރަސްމިއްޔާތުގައި ޝަރުޢީ ދާއިރާ އޮޓޯމޭޓްކުރުމުގެ ގޮތުން އަލަށް ތަޢާރަފްކުރެވިފައިވާ ތިން އެޕްލިކޭޝަނެއް ވަނީ އިފްތިތާޙް ކޮށްފައެވެ. މި އެޕްލިކޭޝަންތައް އިފްތިތާޙްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އާ ވެބްސައިޓް ވެސް އިފްތިތާޙްކޮށްފައެވެ. އެ ވެބްސައިޓް އިފްތިތާޙްކޮށްދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް، ތުޅާދޫ ދާއިރާގެ މެންބަރު ޙިޞާން ޙުސައިނެވެ.