ކުޅުދުއްފުށި ސިޓީގެ ހުޅަނގު ބީޗްގައި ފިނިމައިޒާނެއް ތަރައްޤީކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީގެ ހުޅަނގު ބީޗް ސަރަހައްދުގައި ފިނިމައިޒާނެއް ތަރައްޤީކުރަން ހަވާލުކުރީ ފާހާނާއާއި، ބީޗްހަޓް، ޝަވަރ، ބެންޗް އަދި އުނދޯލި ހިމެނޭގޮތަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް އާ އެވެ.
އިއްޔެ ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އެވެ. އަދި ގިބްސް ލޮޖިސްޓިކްސްގެ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މުޙައްމަދު ޢަލީ އެވެ.
މި ފިނިމައިޒާނެއް ތަރައްޤީކުރުމަށް 1,155,584.74 ރުފިޔާ ޚަރަދުވާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މި މަސައްކަތް ހަވާލުކުރީ 97 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.
ކުޅުދުއްފުށި ސިޓީގެ ހުޅަނގު ބީޗްގައި ފިނިމައިޒާނެއް ތަރައްޤީކުރަން ބަޔާއި ހަވާލުކުރެވުމާއި ގުޅިގެން އެ ސިޓީގެ މޭޔަރު އާތިފް ވިދާޅުވީ، ފިނި މައިޒާން ތަރައްގީ ކުރުމަށް ހަވާލުކުރެވުނު ތަނަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ރައްޔިތުން ހިތްހަމަޖައްސާލަން އާއިލާއާއެކު ނިކުމެ މަޑުކޮށްލައިގެން ތިބޭތަނެއް ކަމަށެވެ. އަދި މިފަދަ މައިޒާނެއް ތަރައްޤީ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދިރިއުޅުމުގެ ހާސްކަން ފިލުވާލަން ނިކުމެ މަޑުކޮށްލާނެ ތަންތަން ރަށުގައި ނެތުންކަމަށް ވިދާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ ކުރިޔަށްއޮތްތާގައި މިފަދަ އިތުރު ތަންތަންވެސް ތަރައްޤީ ކުރެވޭނެ، ބޯޒިޔާރަތް ބީޗް ތަރައްގީ ކުރުމަށް އެތަނުގެ ކޮންސެޕްޓް ޑްރޯވިން ހެދުމަށް އެއްކުރަންޖެހޭ މައުލޫމާތުވެސް މިހާރު މިދަނީ ހޯދަމުން، ބީޗްގެ އެއްގަމު ސަރަހައްދު ސާރވޭކޮށް ސްކޭލް ޑްރޯވިން ވެސް ވަނީ ނިމިފައި އަދި ބީޗް ގިރާ މައްސަލަ ހައްލުކުރުމަށް ޓެކްނިކަލް ސަރވޭއެއް ކުރުމަށް އެމް.ޓީ.ސީ.ސީ އާއި އެކު މަޝްވަރާ ކުރެވެމުން އެބަދޭ." މޭޔަރު ވިދާޅުވެފަވެއެވެ.
މުޅި ބީޗްގެ ކޮންސެޕްޓް ޑްރޯވިން ކޮމިއުނިޓީ މަސައްކަތެއްގޮތަށް ހިލޭ ހަދައިދިނުމަށްވެސް ރައްޔިތުންތެރެއިން ބަޔަކު މިހާރުވަނީ އެއްބަސްވެފައިކަމަށާއި، އުންމީދަކީ މާ ދުރުނޫން މުސްތަގުބަލެއްގައި މި މަސައްކަތުގައިވެސް ކުލަޖެހިގެން ދިއުން ކަމަށް މޭޔަރު އާތިފް ވަނީ ވިދާޅުވެފައެވެ.
އިއްޔެ ބަޔަކާއި މަސައްކަތް ހާވާލުކުރެވުނު ފިނިމައިޒާނުގައި ހިމެނޭ ތަންތަނުގެ ހުރިހާ ކުރެހުމެއްވެސް ކުރަހާ މައުލޫމާތު ޝީޓް ފުރިމަކޮށްފައިވަނީ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލަރުންގެ މަސައްކަތުންކަން ވެސް މޭޔަރު އާތިފް ވަނީ ފާހަގަ ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!