ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން ބަންދުކޮށްފައިވާ އުތީމު ގަނޑުވަރު މާދަމާއިން ފެށިގެން އަލުން ހުޅުވާލަން ނިންމައިފިއެވެ.

އެކަން ހާމަކޮށް ސަގާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ، އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށާއިރު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެނދުރުފަހު 14:00 އަށް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ގަނޑުވަރު ދެއްކުން ކުރިއަށްދާނެ ކަމަށެވެ.

Ad
rt

ގަނޑުވަރު ބެލުމަށް ޓިކެޓް ވިއްކާނީ އެދުވަސްތަކުގެ ހެދުނު 8:15 އިން 13:30 އަށެވެ.

އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރީ އެރަށުން ކޯވިޑް-19 ގެ ގިނަ ކޭސްތަކެއް ފެންނަން ފެށުމުން، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެރަށުގެ ޓާސްކްފޯސްއިން ކައުންސިލަށް އެގޮތަށް ލަފާ ދެއްވުމުން މި މަހުގެ 5 ވަނަ ދުވަހުއެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން އެންމެ ފަހުން އެގަނޑުވަރު ބަންދުކުރުމަށްފަހު ހުޅުވާލާފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ބަންދުކޮށްފައިވަނީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

އުތީމު ގަނޑުވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އެނ ގަނޑުވަރު ދެކިލުމަށް ދަތުރުކުރާ ތަނެކެވެ. ޚާއްޞަކޮށް ކޮންމެ އަހަރެއްގެ ސްކޫލް ބަންދުތަކުގައި އަދި ޢީދު ބަންދުފަދަ ބަންދުތަކުގައި އެ މަޒުކަޒު ބަލަން ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތް ކުރެއެވެ.