ދިވެހި ސްކްރީން-ރީޑިންގ ސޮފްޓްވެއަރ "ޝާމިލުއަޑު" އިފްތިތާޙްކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތައްޔާރުކުރެވި، ތަޢާރަފުކުރާ މިފަދަ ސްކްރީން-ރީޑިންގ ސޮފްޓްވެއަރ އެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސޮފްޓްވެއަރ އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.
މި ސޮފްޓްވެއާ ތަޢާރަފްކޮށް، އިފްތިތާޙް ކުރުމާއިގުޅިގެން ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ މި މަސައްކަތް 2020 ފެށުނުކަމަށާއި އަދި މި މަސައްކަތް ފުރިހަމަކުރުމަށް 2021 ވަނަ އަހަރު ޖަވާބު އެކަޑަމީއާ ހަވާލުކުރިކަމަށެވެ.
މިމަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެންމެ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ގިނަ ޕްލެޓް ފޯމް ތަކަކަށް ސަޕޯޓް ކުރާނެފަދަ ސޮފްޓްވެއަރ އެއް ފަރުމާކުރުމަށެވެ.
"މިއީ ދިވެހިރާއްޖަށް އައު މަސައްކަތަކަށްވެ، ގިނަ ދިރާސާތަކަކާއި ހޯދުންތަކެއްގެ މައްޗަށް ބަރޯސާވެފައިވާ މަސައްކަތަކަށް ވުމުން މިމަސައްކަތް ކުރިންއަށް ގެންގޮސްފައިވަނީ ރިސާޗް އެންޑް ޑިވެލޮޕްމެންޓް މަސައްކަތެއްގެ ގޮތުގައިކަން ޑިވެލޮޕަރ ފާހަގަކުރައްވައެވެ." ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ވިދާޅުވެފަވެއެވެ.
ދިވެހި ސްކްރީން ރީޑިންގ ސޮފްޓްވެއަރ "ޝާމިލުއަޑު"، ޑެސްކްޓޮޕް، އެންޑްރޮއިޑް އަދި އައި. އޯ. އެސް ގައި ބޭނުންކުރެވޭނެއެވެ. އަދި މި ސޮފްޓްވެއަރ ބޭނުންކޮށްގެން ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ވެބްސައިޓްވެސް އިތުރަށް އެކްސެސިބަލްކޮށްފަވެއެވެ.
2019 އިން 2024 އަށް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގެ ޕްލޭން އެޑިއުކޭޝަން ސެކްޓަރ ޕްލޭންގައި ދިވެހި ސްކްރީން ރީޑިންގ ސޮފްޓްވެއަރއެއް އުފެއްދުމަށް ކަނޑައެޅީ، ފަރުދީތަފާތުތަކަށް ރިޢާޔަތްކޮށް އުނގެނުމުގެ ހަމަހަމަ ފުރުޞަތުތައް ހުރިހާ ދަރިވަރުންނަށް ކަށަވަރު ކޮށްދިނުމުގެ ގޮތުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގެނުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ކުޑަކުރުމުގެ މަގްސަދުގައިކަމަށް އެ ޑިޕާޓްމަންޓުން ވިދާޅުވެއެވެ،
ދިވެހި ރާއްޖޭގައި ދިވެހި ބަހުން ސްކްރީން-ރީޑީންގ ސޮފްޓްވެއަރއެއް ރަސްމީ ގޮތެއްގައި ބޭނުންކުރެވެން ފަށާ ފުރަތަމަ ފަހަރަށް މިޕްރޮޖެކްޓް ވެގެންދާއިރު، މިއީ ދިވެހިބަހަށްވެސް ލިބިގެންދާ ކުރިއެރުމެއްގޮތުގައި އެ ޑިޕާޓްމަންޓުން ފާހަގަ ކުރަށްވައެވެ.
އަދި މުދައްރިސުންނަށާއި ދަރިވަރުންނަށް ބޮޑު ފަސޭހައެއް މިސޮފްޓްވެއަރއިން ލިބިގެންދާނެކަމަށް
އުންމީދުކުރަށްވާ ކަމަށް ވެސް ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ވިދާޅުވިއެވެ،
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!