ހއ. އުތީމު ކައުންސިލްގެ ފަރާތުން އެރަށު ޣާޒީ ބަންޑާރައިން ސްކޫލްގެ މުދައްރިސުންނަށް ބެންޗް އޭރިއާއެއް ޤާއިމް ކޮށްދީފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މިމަސައްކަތަކީ 4 ވަނަ ދައުރު ފެށުނީއްސުރެ އެކައުންސިލްއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަސައްކަތެއް ކަމަށެވެ. ނަމަވެސް ކޯވިޑްގެ ހާލަތާއި ގުޅިގެން މަސައްކަތް ފެށުން ލަސްވެފައިވީ ކަމަށް ރަޝީދު ފާހަގަ ކުރެއްވިއެވެ.
އެގޮތުން 35000 ރުފިޔާގެ ބަޖެޓްއަކާއިއެކު މިމަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ ގާތްގަނޑަކަށް 3 މަސް ދުވަސް ތެރޭގައެވެ. ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު މިމަސައްކަތަށް ޖުމްލަ 50000 ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.
ރަޝީދު އިތުރަށް ވިދާޅުވީ ތަޢުލީމީ ދާއިރާ އަކީ އެކައުންސިލުން ވަރަށް މުހިއްމު އަހަންމިއްޔަތު ކަމެއް ދީފައިވާ ދާއިރާއެއް ކަމަށެވެ. އަދި ކުދިންގެ ކިޔެވުމަށް ގެނެވޭ ކުރިއެރުމަށް މަސައްކަތް ކުރައްވާ މުދައްރިސުން މަސައްކަތް ކުރާ މާހައުލަކީ އެކަމަށް އެންމެ އެކަށޭނަ މާހައުލަކަށް ވާންޖެހޭނެ ކަމަށް ޤަބޫލް ކުރައްވާ ކަމަށް ރަޝީދު ފާހަގަ ކުރެއްވިއެވެ.

މަސައްކަތް އެއްކޮށް ނިންމާ މުދައްރިސުންނަށް ތަން ހަވާލުކޮށްފައިވަނީ ރޭގައެވެ. އެގޮތުން މުދައްރިސުންގެ ސްޓާފް ރޫމް ތެރޭގައި ގާއިމް ކުރެވުނު މި ބެންޗަ އޭރިއާގެ ކޮންމެ ކެބިންގެ ގެ ކައިރީ ކަރަންޓްވެސް ވަނީ ލާފައެވެ. އަދި ތަނުގައި ކުލަލާ އިތުރަށް އެސަރަހައްދު ވަނީ ވަރަށް ޒީނަތްތެރިކޮށްފައެވެ.
މިމަސައްކަތުގައި އެކިގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް އެކައުންސިލްގެ ނަމުގައި ވަނީ ޝުކުރު ދަންނަވާފައެވެ. އެގޮތުން އާއްމު ރައްޔިތުންގެ ތެރެއިން މިމަސައްކަތުގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން މުހައްމަދު ބަސީރު އަދި އަހުމަދު ސޮބާހް ގެ ނަން އެކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

އަދި ބެންޗް ޖެހުމުގެ މަސައްކަތް ކުޑަ އަގަކަށް ކޮށްދިން އެރަށު ޑޭޒީމާގެ އިބްރާހިމް ރަޝީދު ގެ އިތުރުން ފެނަކަ އަދި ސްކޫލް ޕްރިންސިޕަލް އަބްދުﷲ އިނާޔަތު، ސްކޫލް ޕީޓީއޭ މެމްބަރުން އަދި ޓީޗަރުންނަށްވެސް ވަރަށް ހާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ. މީގެ އިތުރުން މިމަސައްކަތުގައި ކޯޑިނޭޓަރ ގެ ގޮތުގައި މަސައްކަތް ކޮށްދެއްވި ކައުންސިލް މެމްބަރ ހުސެއިން ނަސީރު ގެ ނަންވެސް ވަނީ ފާހަގަ ކޮށްފައެވެ.
އުތީމު ކައުންސިލުން ޣާޒީ ބަންޑާރައިން ސްކޫލަށް ހަދިޔާކޮށްފައިވާ ވާރކް ބެންޗުތަކުގައި މުދައްރިސުން މަސައްކަތްކުރާ އެންމެ ފުރަތަމަ ދުވަސްކަމުގައިވާތީ، އުތީމު ކައުންސިލްގެ ފަރާތުން މިއަދު ވަނީ ސްކޫލްގެ ހުރިހައި މުވައްޒަފުންނަށް ހެނދުނުގެ ނާސްތާ އެއްވެސް ދީފައެވެ.
ރަޝީދު ވިދާޅުވީ ސްކޫލް ޓީޗަރުންނަށް މިފަދަ "ސަޕްރައިސް" ތައް ކުރިއަށް ވެސް ރޭވިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!