ހއ. އަތޮޅަށް ހުޅުުވާލައިގެން ކުރިއަށް ގެންދިޔަ ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކްޓާއި ހަނދާނީ ފިލާ އަދި ލައިފްގާޑް ކާޑް ހަވާލުކޮށްފިއެވެ.

މިކޯހުން އެއްވަނަ ހާސިލްކޮށްފައި ވަނީ، އަޙްމަދު ލައްމާހް އިބްރާހިމް، ހއ. ދިއްދޫ/ހަވީރީފިނި އެވެ. ދެވަނަ ހާސިލްކޮށްފައި ވަނީ އާސިމް ރަޝީދު ، ސަމިޓް/ހއ. ދިއްދޫ އެވެ. އަދި 3 ވަނަ ލިބިފައި ވަނީ ހުސެއިން ޒިމްޔާން ، ބޯށިހިޔާ/ހއ. ދިއްދޫ އަށެވެ.

Ad
rt

މި މާރޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މިކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ރެއެވެ.

މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ކޯހުގައި ކިޔަވާދެއްވި އިންސްޓްރަކްޓަރުންނާއި އޮފިޝަލުންގެ އިތުރުން އެކި ގޮތްގޮތުން ކޯހަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ވަނީ ސެޓްފިކެޓާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. އަދި މިކޯހާއި ގުޅިގެން ވީޑިއޯ ރިޕޯޓެއްވެސް މިރަސްމިއްޔާތުގެ ތެރެއިން ވަނީ ދައްކާލާފައެވެ.

ހއ. އަތޮޅުގައި ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯހެއް ފަށައިފި

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ވިދާޅުވީ މިކޯހަކީ އެކައުންސިލުން އެކުލަވާލެއްވި ތަރައްޤީގެ ޕްލޭންގައި ކުލަ ޖެއްސުމުގެ ފެށުން ކަމަށެވެ. އެގޮތުން މިހަރަކާތް ކަމިޔާބު ކަމާއިއެކު ނިންމާލެއްވުނު ކަމަށްޓަކައި ކޯހުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވި ދިއްދޫއަށް ނިސްބަތްވާ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގެ އެގްޒެކްޓިވް ހައުސްކީޕަރ އަދި ސޭފްޓީ އެންޑް ސެކިއުރިޓީ މެނޭޖަރ އަބްދުﷲ ރަޝީދަށް ވަނީ ޝުކުރު ދަންނަވާފައެވެ.

މީގެއިތުރުން ކޯހުގެ ބައިވެރިވި ފަރާތްތަކުން އަޒުމް ކަނޑައަޅަންވީ ކާބަފައިން ފަދައިން ރަށަށާއި އަތޮޅަށާއި އަދި ޤައުމަށް ޚިދުމަތް ކުރުމަށް ކަމަށް ޝަފީގްވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޯހުގެ އިންސްޓްރަކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ މިކޯހުގައި ބައިވެރިވި ސްކޫލްގެ ދަރިވަރުން ތަޢުލީމު ހާސިލް ކުރަމުން، މިކަހަލަ ކޯހެއް ނިންމާލެވުމަކީ އެކުދިންގެ ތަޖުރިބާގެ ބޮޅަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމެއް ކަމަށެވެ. އަދި އެއީ އެކުދިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ނަސީބެއް ކަމަށްވެސް ރަޝީދު ފާހަގަ ކުރެއްވިއެވެ.

މިރަސްމިއްޔާތުގެ ތެރެއިން ކޯހުގެ ބައިވެރިންގެ ޝުއޫރުވެސް ވަނީ ހުށައަޅާފައެވެ. އެގޮތުން މިކޯހުގެ އެއް ދަރިވަރަކު ބުނެފައިވަނީ މިސްޓޭކެއް ހެދުނު ކަމުގައި ވިޔަސް އަބްދުﷲ ސަރ ދެވަނަ ފަހަރަށް ކިޔާދެއްވަނީ އެއަށްވުރެ މާރަނގަޅަށް ކަމަށެވެ.

މީގެ އިތުރުން ކޯހުގެ ބައިވެރިންގެ ހުނަރު ދައްކާލުމުގެ ޕްރޮގްރާމެއް 17 ވަނަ ދުވަހުގެ ހަވީރު ވަނީ ކުރިއަށް ގެންގޮސްފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިކޯހަކީ ހއ. އަތޮޅު ކައުންސިލާއި މޯލްޑިވްސް ސްވިމިންގް އެންޑް ލައިފް ސޭވިންގް ސްކިލްސް ޓްރެއިނިންގެ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދެވުނު ކޯހެކެވެ.