ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް ޕްލޭން ފިނޭންސް މިނިސްޓްރީން އާންމުކުރަން ފަށައިފިއެވެ.
މި ޕްލޭންތައް އެ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަން ފަށާފައިވާއިރު މިއީ ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް މަސައްކަތް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރާ ލިސްޓުގައި އެއިދާރާއަކަށް އެއަހަރު ހޯދަން ބޭނުންވާ މުދަލާއި، އިދާރާގައި ކުރަން ޖެހޭ މަސައްކަތްތަކާއި، ކޮންސަލްޓެންސީ އަދި ކޮންސަލްޓެންސީ ނޫން މަސައްކަތް ހިމެނޭނެއެވެ.
ދައުލަތުގެ އިދާރާތަކުން މިހާރު ކުރާ އިއުލާންތަކަށް ބައެއް ފަހަރު، އެކަށީގެންވާ މިންވަރަށް މީހުން ކުރިމަތި ނުލުމާއި، އެކަށީގެންވާ ވަރަށް ވުރެ އަގު ބޮޑުކޮށް ބީލަން ހުށަހެޅުމުގެ މައްސަލަ ދިމާވެއެވެ. ނަމަވެސް މި ގެނައި ބަދަލާއެކު މިފަދަ މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ ތައްޔާރުވުމުގެ ފުރުސަތު ލިބޭނެއެވެ.
މީގެ އިތުރުން މިފަދަ މަސައްކަތްތަކާއި މުދަލާއި އަދި ހިދުމަތުގެ އަގަށް ކުރަން ޖެހޭ ހަރަދު ބޮޑު ތަނުން ކުޑަ ކުރެވިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!