ހއ. އަތޮޅަށް ހުޅުުވާލައިގެން ހިންގާ ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯސް މިއަދު އެ އަތޮޅު ވެރިރަށް ދިއްދޫގައި ފަށައިފިއެވެ.

މިކޯހަކީ ހއ. އަތޮޅު ކައުންސިލާއި މޯލްޑިވްސް ސްވިމިންގް އެންޑް ލައިފް ސޭވިންގް ސްކިލްސް ޓްރެއިނިންގެ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. 25 ބައިވެރިންނާއި ފެށުމަށް ހަމަޖެހިފައިވާ މިކޯހުގައި ދިއްދޫގެ ބައެއް ޒުވާނުންގެ އިތުރުން ސްކޫލްގެ ބައެއް ދަރިވަރުންވެސް ހިމެނެއެވެ.

Ad
rt

މިކޯސް ތަޢާރަފް ކުރުމުގެ ގޮތުން މިއަދު ހެނދުނު ދިއްދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ވިދާޅުވީ މިކޯހުގެ ސަބަބުން ޓޫރިޒަމް ދާއިރާއިން ޒުވާނުންނަށް ވަޒީފާ ހޯދުމަށް މަހުފަހިވާނެ ކަމަށާއި، މީގެ ސަބަބުން އާއިލާތަކަށްވެސް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

މި މާރޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހަށް ކުރިއަށް ގެންދާ މި ކޯހުގައި އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ދިއްދޫއަށް ނިސްބަތްވާ ފަރާތެއް ކަމަށްވާ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގެ އެގްޒެކްޓިވް ހައުސްކީޕަރ އަދި ސޭފްޓީ އެންޑް ސެކިއުރިޓީ މެނޭޖަރ އަބްދުﷲ ރަޝީދުގެ އިތުރުން އެރިސޯޓްގެ ބައެއް މުވައްޒަފުންނެވެ. އެގޮތުން ސަފީޤްގެ ވާހަކަފުޅުގައި ވަނީ އެފަރާތްތަކަކީ ދިއްދޫގެ ދަރިންނަށްވީތީ ފަޚުރުވެރިވާކަމަށް ފާހަގަ ކުރަށްވާފައެވެ.

ކޯހުގެ ބައިވެރިއަކަށް ހއ. އަތޮޅު ކައުންސިލް ރައީސް މޫސާ ޝަފީޤް ތަމްރީނުގައި ބޭނުންކުރާ ޖާޒީ ހަވާލުކޮށް ދެއްވަނީ، ފޮޓޯ: ހއ. އަތޮޅު ކައުންސިލް

މިރަސްމިއްޔާތުގައި ކޯހުގެ އިންސްޓްރަކްޓަރު އަބްދުﷲ ރަޝީދުވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާގެ ދެއްކެވި ވާހަކާގައި މިފަދަ ހަރަކާތެއް ރަށުގެ އަދި އަތޮޅުގެ ޒުވާނުންނަށް ހާއްސަކޮށް ކުރިއަށް ގެންދެވޭތީ އުފާކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެމްކިއުއޭ ބަލައިގަންނަ ސެޓްފިކެޓެއް މިކޯސް ފުރިހަމަ ކުރާ ކޮންމެ ފަރާތަކަށް ލިބިގެންދާނެ ކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިކޯސް ފުރިހަމަ ކޮށްފައިވާ 18 އަހަރުން މަތީގެ ކޮންމެ ޒުވާނަކަށް ވަޒީފާ ޔަގީން ވާނެ ކަމަށްވެސް ރަޝީދު ވަނީ ވިދާޅުވެފައެވެ.

7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކޯހުގައި ބޭސިކް ފަސްޓްއެއިޑް އަދި ސީޕީއާރުގެ އިތުރުން ކަނޑުމަތީގެ ހާދިސާތަކުގައި އަމަލުކުރަން ޖެހޭނެ ގޮތްތައް ކިޔަވައިދޭނެއެވެ.

މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް އަތޮޅު ކައުންސިލާއި މޯލްޑިވްސް ސްވިމިންގް އެންޑް ލައިފް ސޭވިންގް ސްކިލްސް ޓްރެއިނިންގެ ސްކޫލާއި ކޮންރެޑް މޯލްޑިވްސް ރަންގަލިި ގެ އިތުރުން ބެލެނިވެރިން ވެދެއްވާފައިވާ އެއްބާރުލުން ފާހަގަކޮށް އަތޮޅު ކައުންސިލްގެ ފަރާތުން އެފަރާތްތަކަށް ވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.