ހދ. ހިރިމަރަދޫގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ނުކެނޑުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.
އެކަން ހާމަކޮށް ހިރިމަރަދޫ ކައުންސިލުން އިއްޔެ އާންމު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ބައެއް ފަރާތްތަކުން ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތަކަށް ގެއްލުންދީ، ކަނޑައި ހަދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ކެނޑުމާއި، އެންދުމާއި، ގެއްލުން ދިނުމުގެ އިތުރުން ހޭޅިފަށް ހިމެނޭ ސަރަޙައްދުން ތަންތަން ކޮށައި އަލިކުރުމަކީ މަނާކަމެއް ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. ވުމާއެކު ޤަވައިދާ ޚިލާފަށް ރަށުގެ ހޭޅިފަށް ގެއްލުން ލިބޭގޮތަށް ގަސްކަނޑައި އަލިފާންޖަހާ ހަދާނަމަ އެ ފަރާތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި އެ ކައުންސިލުން ވަނީ ހާމަ ކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން ހިރިމަރަދޫ ކައުންސިލް މެމްބަރ މުޙައްމަދު އަރުޒަން ވިދާޅުވެފައި ވަނީ ހިރިމަރަދޫގެ ހޭޅިފަށަށް ގެއްލުންވާގޮތަށް ގަސްކެނޑުމާއި އެންދުން ފަދަ ކަންކަމަކީ މިހާރު ވެސް ވަރަށް މަދުން ނޫނީ ހިނގާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކައުންސިލުގެ އެންމެ ބޮޑު ބޭނުމަކީ ހޭޅިފަށަށް ގެއްލުން ލިބޭފަދަ ހުރިހާ އަމަލެއް މުޅިން ހުއްޓާލުމަށް ރައްޔިތުންނަށް ހަނދުމަ ކޮށްދެއްވުން ކަމަށެވެ.
ހިރިމަރަދޫ ކައުންސިލުން އެ ރަށުގެ ތިމާވެށި އިތުރަށް ރަނގަޅުކޮށް ރަށާއި ރަށުގެ ހޭޅިފަށް އިތުރަށް ފެހިކުރުމުގެ މަޤުޞަދުގައި އެ ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކުރަން ކޮންޓެކްޓް އުސޫލުން ހަވާލުކޮށްފައިވާ ފަރާތަށް މަހަކު އެއްފަހަރު ކައުންސިލުން ދައްކާ ސަރަހައްދެއްގައި ދިއްގާ، ނިކަ، ހިރުނދު ފަދަ ގަސްތައް އިންދުމަށް ވަނީ ލާޒިމް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!