މި ސަރަހައްދުގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު އާންމުކުރާ "ސައުތް އޭޝިއާ އިކޮނޮމިކް ފޯކަސް ރިޕޯޓް'' ގައި ކުރިން އަންދާޒާކޮށްފައި ވަރަށް ވެސް ރާއްޖޭގެ އިގްތިސާދު މި އަހަރު ކުރި ނާރާނެ ކަމަށް ދައްކައިފި އެވެ.
އެ ރިޕޯޓްގެ އެންމެ ފަހުގެ އަދަދު އިއްޔެ އާއްމުކޮށްފައިވާއިރު، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) މިދިޔަ އަހަރު ކުރިއަރާފައި ވަނީ 6.7 ޕަސެންޓްގަ އެވެ. އެހެން ނަމަވެސް، މި އަހަރު އިގްތިސާދީ ކުރިއެރުން ހުންނާނީ 5.2 ޕަސެންޓުގައި ކަމަށް އެ ބޭންކުން ބުންޏެވެ.
"ބައިނަލްއަގްވާމީ އެއާޕޯޓާއި ބްރިޖުގެ މަސައްކަތް ނިމުމާ ގުޅިގެން އިމާރާތްކުރުމުގެ ސިނާއަތް މަޑުޖެހިފައިވުމުގެ ސަބަބުން، ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2019 ވަނަ އަހަރު 5.2 އިންސައްތައިގައި ހުންނާނެ ކަމަށް އަންދާޒާކުރެވެ އެވެ. އެހެން ނަމަވެސް، އާ އިންފްރަސްޓްރަކްޗާ ވަސީލަތްތައް ގާއިމްކުރުމަށް އިންވެސްޓް ކުރުމާއި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެގެން ދިއުމުގެ ސަބަބުން، އަންދާޒާކުރެވޭ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެވްރެޖްކޮށް 5.6 އިންސައްތަ އަށް އަރާނެ ކަމަށް ބެލެވެ އެވެ،" ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެ އެވެ.
އެހެންކަމުން ރާއްޖޭގެ އިގްތިސާދު މަޑުޖެހުމުގެ މައިގަނޑު ސަބަބަކީ، ވޯލްޑް ބޭންކުން ބުނި ގޮތުގައި، ސިނަމާލެ ބުރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިމުމާ އެކު އިމާރާތްކުރުމުގެ ދާއިރާ ހީނަރުވެފައި ވުމެވެ.
ވޯލްޑް ބޭންކުގެ މި އަންދާޒާ އަކީ ރާއްޖޭގެ މަރުކަޒީ ބޭންކުގެ އަންދާޒާ އަށް ވުރެ ދަށް އަދަދެކެވެ. އަދި މިއީ ވޯލްޑް ބޭންކުން މި އަހަރުގެ އޭޕްރީލް މަހު ކުރި އަންދާޒާ އަށް ވުރެ ވެސް 0.6 ޕަސެންޓް ދަށް މިންވަރެއްވެސް މެއެވެ.މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައިވާ ގޮތުގައި، މުޅި އަހަރަށް ބަލާއިރު މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 6.8 ޕަސެންޓުގަ އެވެ. އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 4.7 ޕަސެންޓުގައި ހުރި ޖީޑީޕީގެ ނިސްބަތް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ 3.1 އަށް ދަށަށް ގޮސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!