ށ. ފުނަދޫގައި "އަވަށްޓެރި ޕޮލިސް" ތައާރަފް ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފި އެވެ.

މިކަމާއި ގުޅޭގޮތުން "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ "އަވަށްޓެރި ޕޮލިސް" ތައާރަފްކުރުމަށް އެރަށުގެ ފުލުހުން އިއްޔެ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މިބައްދަލުވުމުގައި އެރަށުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފެނަކަ، ކޯޓް، ފުނަދޫ އެއަރޕޯޓް، ޖެންޑަރ، ފުނަދޫ ސްކޫލް އަދި އަމިއްލަ ޖަމްއިއްޔާތަކުގެ އިތުރުން ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރަޢްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނެވެ.

ފުނަދޫ ކައުންސިލްއިން މައުލޫމާތު ދީފައިވާ ގޮތުގައި މިބައްދަލުވުމަކީ އަލަށް ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާ އަވަށްޓެރި ޕޮލިހާއި ގުޅިގެން ރަށުގައި ކުށްމަދުކުރުމަށް ހިންގާނެ ހަރަކާތްތަކާއި ގުޅިގެން މުއައްސަސާތަކަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެކެވެ. އެގޮތުން މިނިޒާމަށް ބަދަލު ކުރެވުމާއިއެކު ރައްޔިތުންނާއި ވަރަށް ގާތުން ފުލުހުން މަސައްކަތް ކުރައްވާނެ ކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ. އަދި މިގޮތަށް ބަދަލުކުރެވުމާއިއެކު ވަކި ދުވަސްތަކެއް ކަނޑައަޅައިގެން ރަށުގެ ގޭތަކަށް ފުލުހުން ޒިޔާރަތްކޮށް ބަލަންޖެހޭ މައްސަލައެއް ވޭތޯ ޗެކް ކުރަމުންދާނެއެވެ.

އެރަށު ފުލުހުންގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ޗީފް އިންސްޕެކްޓަރ އަބްދުﷲ ރަޝީދުގެ އިތުރުން ޗީފް އިންސްޕެކްޓަރ ޝިފާން ރަޝީދެވެ.

މީގެ އިތުރުން އެރަށު ކައުންސިލުން ވިދާޅުވީ ކުށްމަދުކުރުމަށް ރަށުގެ ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުން ފުލުހުންނަށް ބޭނުންވާނެ ކަމަށާއި ފުލުހުންވެސް ހުރިހާ މުއައްސަސާތަކުގެ ފަރާތުން އެކަމަށް ފުރިހަމަ ތަރުހީބު ދެއްވުމަށް އެދިލައްވާފައިވާ ކަމަށެވެ. އަދި ކުށްމަދު މުޖުތަމަޢު ބިނާ ކުރުމަށް ފަރުދީ ގޮތުން ރައްޔިތުންގެ އެހީތެރިކަމަށްވެސް އެރަށު ކައުންސިލުން ވަނީ އެދިލައްވާފައެވެ.

އުއްމީދަކީ ވަރަށް އަވަސް މުސްތަގްބަލެއްގައި މިޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެރަށު ކައުސިލުން ވަނީ ފާހަގަކޮށްފައެވެ.