ހއ. އިހަވަންދޫ މިސްކިތްތަކުގައި ރޯދަމަހު ބޭނުން ކުރުމަށް، އެރަށު މަސްވެރި އުޅަނދަކުން ފެން ހަދިޔާ ކޮށްފި އެވެ.

އެ ފަރާތުން ވަނީ އިހަވަންދޫ ކައުންސިލަށް ރޯދަމަހު އެ ރަށު މިސްކިތްތަކުގެ ބޭނުން ކުރުމަށް ތާޒާ ބްރޭންޑްގެ 500 އެމްއެލްގެ 312 ކޭސް ފެން ހަދިޔާ ކޮށްފައެވެ.

Ad
rt

އިހަވަންދޫ ކައުންސިލްގެ ރައީސް ޞަބާހް "ތިލަދުން" އާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ރޯދަމަހު އެ ރަށު މިސްކިތްތަކުގައި ބޭނުން ކުރުމަށް މަސްވެރި އުޅަނދަކުން ފެން ހަދިޔާ ކޮށްފައިވާ ކަމަށާއި، ނަމަވެސް އެ ފަރާތުން ނަން ހާމަކުރަން ބޭނުންނުވާތީ ނަން ހާމަކުރެވެން ނެތް ކަމަށެވެ.

ޞަބާހް އިތުރަށް ވިދާޅުވެފައި ވަނީ އިހަވަންދޫގައި ހުންނަ މިސްކިތްތަކަށް އެ ރަށުގެ މަސްވެރިންގެ ފަރާތުން އަބަދުވެސް ބޮޑެތި އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.

އިހަވަންދޫގެ މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ވަރަށް ރަނގަޅު ޒަމާންވީ ސަގާފަތެއް އެ ރަށުގެ މަސްވެރިންނާއި ހެޔޮއެދޭ ފަރާތްތަކާއި ޒުވާނުންގެ މެދުގައި އަބަދުވެސް އޮންނަކަން ފާހަގަ ކުރައްވަމުން ޞަބާހް ވިދާޅުވެފައި ވަނީ މިސްކިތްތައް އޭސީ ކުރުމާއި ކާޕެޓް އެޅުންފަދަ ކަންކަމީ ވެސް ހެއޮއެދޭ ފަރާތްތަކުގެ ދީލަތި އެހީ ކަމަށެވެ. ވުމާއެކު އެއްވެސް ދުވަސްވަރެއްގައި މިސްކިތްތަކަށް ކައުންސިލް ބަޖެޓުން މާ ބޮޑު ޚަރަދެއް ކުރަން ނުޖެހޭކަން ޞަބާހް ވަނީ ފާހަގަ ކުރައްވާފައެވެ.

"ރޯދަމަސް ކައިރިވެގެން އަންނަ ނަމަ ރަށުގެ ކުލަބް ޖަމިއްޔާތަކުން ވެސް ކައުންސިލަށް ސިޓީ ފޮނުވާ ބައްދަލުވުނަތައް ބާއްވައި މަޝްވަރާކުރާނެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ކުރަންހުރި މަސައްކަތްތަކާއި ގުޅޭގޮތުން، މަޝްވަރާތަކަށް ފަހު ކަންތައްތައް ކުރިއަށް ގެންދާނެ ގޮތް ނިންމުމުން މަސައްކަތްތަކުގައި އަމަލީ ގޮތުން ހިލޭ ސާބަހަށް މަސައްކަތް ކުރާނީ ވެސް ރަށުގެ ރައްޔިތުންނާއި ޒުވާނުން"

ސަބާހް ވިދާޅުވެފައި ވެއެވެ.

ޞަބާހް ވަނީ އެ ރަށުގެ މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމުގައި އެ ރަށުގައި އޮންނަ މަސްވެރި ޔޫނިއަންއާއި، މަސްވެރިންނާއި ޒުވާނުންގެ އިތުރުން ރަށުގެ އެންމެހާ ރައްޔިތުން ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.