ށ. ފޭދޫ ކައުންސިލުން އެރަށުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި އެރަށުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ށ. ފޭދޫ ގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ 28 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ދެ މީހުންނަކީ ވެސް ދެ ދިވެހި ފިރިހެނުންނެވެ.

ކޯޓުން އެމީހުންގެ ބަންދަށް 7 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ވެސް ބަޔަކު ވަނީ މި ޕްރީސްކޫލް ބޭރު ފާރަށް ކަޅުތެޔޮ ޖަހައި، ގެއްލުން ދީފައެވެ.

ފޭދޫން "ތިލަދުން"އަށް ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ މިކަން ހިނގަމުން ދަނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، އެ ސްކޫލްގެ ފާރުގައި ލާފައިހުރި ކުލައާއި މެދު ހިތްހަމަނުޖޭ ބަޔަކު ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެ ޕްރީސްކޫލްގެ ފާރުގައި ލާފައި ވަނީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރަސްމީ ކުލަ، ރީނދޫ ކުލައެވެ.