މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ އިންތިޚާބާ ދިމާކޮށް ސަރުކާރުގެ މަގާމުތަކުގައި ތިބި ބައެއް މީހުން މަގާމުތަކުން ވަކިކުރާ ކަމުގެ ޝަކުވާ ލިބޭތީކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިއަދު ކުރިއަށް ދާ މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރު، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) އެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ވަނީ ބަހުސް ފެށިފައެވެ.
މައްސަލަ ބަލައިގަންނަން މަޖިލީހުގެ ތަޅުމުގައި ވޯޓު ނެގިވަގުތު ހާޟިރުވެވަޑައިގެން ތިއްބެވި 36 މެންބަރުންކުރެ 23 މެންބަރަކު ވަނީ މި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވާފައެވެ. މައްސަލައާއި ދެކޮޅަށް 3 މެންބަރަކު ވޯޓު ދެއްވިއެވެ.
ވައްޑޭގެ މި ކުއްލި މައްސަލާގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކަކީ މުތުލަގުގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި ބާރުތަކެއް ނަމަވެސް އެ ބާރުތައް ބޭނުން ކުރަންވާނީ ވަކިހަމަތަކާއި އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް މީހުން އައްޔަނުކޮށް، މީހުން ވަކިކުރުމުގައި އަމަލުކުރާ ހަމަތަކަކާއި އުސޫލުތަކެއް ހުންނާންޖެހޭ ކަމަށް އެ މައްސަލާގައި ވިދާޅުވެފަވެއެވެ.
"އެ ބާރުތައް ބޭނުންކުރަންވާނީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ތަފާތުނުކުރުން" ގެ ހަމަތަކާއި ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އިންތަކުގެ ތެރެއިން ކަމުގައިވާން ވާނެއެވެ. އެފަދަ މަގާމުތަކަށް އައްޔަނުކޮށްފައިވާ މަގާމުތަކުގެ ތެރެއިން ވަކިބަޔަކު އިންތިޚާބުތަކާއި ދިމާކޮށް އަދި ވަކިން ޚާއްޞަކޮށް ވެރިކަންކުރާ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބަކާއި ދިމާކޮށް ވަކިކުރުމަށް ނިންމައި ވަކިކުރުމަކީ އެ ނިންމުންތަކުގެ ހަމަހަމަކަމާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭނެ ކަމެކެވެ." އެ މައްސަލާގައި ވިދާޅުވެފަވެއެވެ.
އެ މައްސަލާގައި އިތުރަށް ވިދާޅުވެފައި ވަނީ 16 އޭޕްރިލް 2022 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ދިމާކޮށް ސަރުކާރުގެ މަގާމުތަކުގައި ތިބި ބައެއް މީހުން އެމީހުން ތިބި މަގާމުތަކުން ވަކިކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
"އެކަން އެމަގުން ހިނގަމުން ދިޔުމަކީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާމެދު އިތުބާރު ގެއްލި ސަރުކާރާމެދު ރައްޔިތުންގެ ނަފުރަތު އުފެދި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދިދާނެ ކަމެއް، އެހެންކަމުން އެކަންކަމަކީ ރައްޔިތުންގެ މުހިންމު މަސްލަހަތެއް އެކުލެވިގެންވާ ކަމަށްވީ ހިނދު މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހެޅީމެވެ." ވައްޑޭ ހުށަހެޅުއްވި އެ މައްސަލާގައި ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!