ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "އެންޒެޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ފަށައިފިއެވެ.
މި މުބާރާތް 28 ފެބްރުއަރީ 2022 ވީ ހޯމަ ދުވަހު ދިއްދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ހއ. އަތޮޅު ހޮސްޕިޓަލުގެ ޓީމާއި ފެނަކައެވެ. މި މެޗު ނިމިގެން ގޮސްފައި ވަނީ 4-4 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހޮސްޕިޓަލް ޓީމްގެ ހުސެއިން ރަޝީދެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ދިއްދޫ ކައުންސިލްގެ ޓީމާއި ޕޮލިސް ޓީމެވެ. މި މެޗު 8-5 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ޕޮލިސް ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޕޮލިސް ޓީމްގެ އަލީ މުސްތަފާއެވެ.
މުބާރާތުގެ ތިންވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ހއ. އަތޮޅު ހޮސްޕިޓަލްގެ ޓީމާއި ބީއެމްއެލް ޓީމެވެ. މި މެޗު 12-01 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ހޮސްޕިޓަލް ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވފައި ވަނީ ހޮސްޕިޓަލް ޓީމްގެ ހުސެއިން ޝަފީޤެވެ.
މި މުބާރާތުގެ ދެ މެޗު 01 މާޗެ 2022 ވާ އަންގާރަ ދުވަހުގެ ރޭ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ފެނަކައާއި ކައުންސިލް ޓީމް ބައްދަލު ކުރާއިރު ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޕޮލިސް ޓީމާއި ބީއެމްއެލްއެވެ.
މި މުބާރާތުގައި ޖުމްލަ ފަސް ޓީމް ބައިވެރިވެފައި ވާއިރު އެ ޓީމްތަކަކީ ހޮސްޕިޓަލް، ފެނަކަ، ކައުންސިލް، ޕޮލިސްގެ އިތުރުން ބީއެމްއެލްއެވެ. މި މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ސީދާ ފައިނަލުގެ ޖާގައެއް ލިބޭ ގޮތަށެވެ. ޕޮއިންޓް ތާވަލުގެ ދެވަނައަށް ދާ ޓީމާއި ތިންވަނައަށް ދާ ޓީމްގެ މެދުގައި ސެމީ ފައިނަލުގެ އެއްމެޗު ކުޅެ އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައ ވަނީ 6 މާޗް 2022 ވާ އާދީއްތަ ދުވަހުގެ ރޭ 21:00 ގައި ދިއްދޫ ފުޓްސަލް ދަނޑުގައެވެ.
މިޑްލް ސްޕޯޓްސް ކުލަބުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަޤުޞަދަކީ ދިއްދޫގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ދެމެހެއްޓުމެވެ.
މި މުބާރާތް ކުރިއަށްދާއިރު ރެޓްރޯ ސޮލިއުސަންގެ ފަރާތުން ކުރިއަށް ގެންދާ ހާއްސަ ލަކީޑްރޯއެއް ކުރިއަށް ދާނެއެވެ. މި މުބާރާތް ކުރިއަށް ދާ ކޮންމެ ދުވަހަކު މެޗުތައް ބަލަން އަންނަ ކޮންމެ މީހަކަށް 1 ކޫޕަން ދޫކުރުމަށް ހަމަޖެހިފައިވާއިރު، ކޫޕަން ފުރިހަމަ ކުރައްވައި ކޫޕަން ލުމަށް ހާއްސަ ކުރެވިފައިވާ ފޮއްޓަށް ލުމުން ލަކީޑްރޯގައި ބައިވެރިވެވުނީއެވެ. ނަސީބުވެރިޔާ ހޮވުމަށް ހަމަޖެހިފައި ވަނީ މުބާރާތުގެ ފައިނަލް މެޗު ނިންމައި، ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައެވެ. ނަސީބުވެރިޔާއަށް ރެޓްރޯ ސޮލިއުސަނުން ވަނީ ވޯޓަރ ޕިއުރިފައިން މެޝިނެއް ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!