ފުރާންސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެ ލީގް ތައްޓާ ގާތަށް ޖެހިލައިފިއެވެ.

އޭއެސް ސެއިންޓް އާއި ބައްދަލު ކުރިމެޗުން ޕީއސްޖީ ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ. މިމެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނަގާފައިވަނީ ސެއިންޓް އިންނެވެ. 16 ވަނަ މިނެޓްގައި މި ގޯލް ކާމިޔާބު ކޮށްދިނީ ޑެނިސް ބައަންގާއެވެ.

Ad
rt

ފުރަތަމަ ހާފް ނިމެން 2 މިނެޓަށް ވެފައިވަނިކޮށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ ލިއޮނަލް މެސީގެ އެހީތެރިކަމާއެކު ކިލިޔަން އެމްބާޕޭއެވެ. ޕީއެސްޖީގެ ދެވަނަ ގޯލްވެސް އެމްބާޕޭ ޖަހާފައިވަނީ މެސީގެ އެހީތެރިކަމާއެކީގައެވެ. މި ގޯލް ޖަހާފައިވަނީ މެޗުގެ 47 ވަނަ މިނެޓުގައެވެ.

ސެއިންޓްގެ ގޯލާ އަމާޒުކޮށް ޕީއެސްޖީއިން 11 ހަމަލާ ފޮނުވާލި މެޗުގެ ފަހު ގޯލް ޖަހާފައިވަނީ އެމްބާޕޭގެ އެހީތެރިކަމާއެކު 52 ވަނަ މިނެޓް ގައި ޑެނީލޯ ޕެރެއިރާ އެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ އޮތީ 26 މެޗު ކުޅެ ދެވަނަގައިވާ އޯޖީސީ ނައިސް އަށްވުރެ 16 ޕޮއިންޓް އިތުރަށް ހޯދައިގެން ތާވަލްގެ 1 ވަނައިގައެވެ. އޭއެސް ސެއިންޓް އަށް ލިބެނީ 26 މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލްގެ 16 ވަނަ އެވެ.

ފުރާސްލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެހެން މެޗުތަކަށްބަލާއިރު ( 26 މެޗުން ލިބުނު 37 ޕޮއިންޓާއެކު ) ތާވަލްގެ 10 ވަނައިގައިވާ މޮންޓޕެލިއޭ މައްޗަށް 4-2 ގެ ނަތީޖާއިން ކުރި ހޯދާ ސުޓޭޑް ރެން ވަނީ 26 މެޗުން 43 ޕޮއިންޓް ހޯދާ ތާވަލުގެ 4 ވަނަ އަށް ޖެހިލާފައެވެ.

2 ރަތްކާޑު ފެނިގެން ދިޔަ ސްޓަރަސްބާގް ، އޯސީޖީ ނައިސް މެޗް ނިމުނީ ގޯލެއްނުފެނި 0-0 ގެ ނަތީޖާއިން ދެޓީމް އެއްވަރު ވެގެނެނެވެ. މި ނަތީޖާއާއިކު ސްޓަރަސްބާގް ތާވަލްގެ 5 ވަނައަށް ވެއްޓިފަވާއިރު އޯސީޖީ ނައިސް ވަނީ ތާވަލްގެ 2 ވަނައަށް ޖެހިލާފައެވެ. ސްޓަރަސްބާގްއަށް 43 ޕޮއިންޓް 26 މެޗުން ލިބުނުއިރު 26 މެޗުން އޯސީޖީ ނައިސްއަށް ވަނީ 46 ޕޮއިންޓް ލިބިފައެވެ.