ހދ. ނައިވާދޫ ސުކޫލް ހޯލު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.

Ad
rt

އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ އެވެ. އަދި ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ތަސީން ޢަލީ އެވެ. މި ރަސްމިއްޔާތުގައި ހަނީމާދޫ ދާއިރާގެ މެންބަރު އަބުދުލް ޣަފޫރު މޫސާ ވެސް ބައިވެރިވެ ވަޑައިގަތެވެ.

365 ދުވަހުގެ ތެރޭގައި ނިންމަން އެއްބަސް ވެފައިވާ މި މަސައްކަތުގެ އަގަކީ 9,403,727.14 (ނުވަ މިލިއަން ހަތަރުލައްކަ ތިންހާސް ހަތްސަތޭކަ ހަތާވީސް ރުފިޔާ ސާދަލާރި) ރުފިޔާއެވެ.

މީގެއިތުރުން އެޑިޔުކޭޝަން މިނިސްޓަރީން މިއަދު ވަނީ އިތުރު ދެ ސްކޫލަށްގައި އިތުރު އިމާރާތްތައް އަޅަން ހަވާލުކޮށްފައެވެ.

މިގޮތުން ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވާއިރު، މިއީ 4,729,972.61 ރ(ހަތަރުމިލިއަން ހަތްލައްކަ ނަވާވީސްހާސް ނުވަސްތޭކަ ހަތްދިހަ ދެރުފިޔާ ފަސްދޮޅަސްއެއްލާރި) ރުފިޔާ ޚަރަދުވާނެ މަސައްކަތެކެވެ. މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ދެން އިތުރަށް މިއަދު ސޮއިކޮށްފައި ވަނީ ގއ. އަތޮޅު މަދަރުސާގެ މަލްޓިޕާރޕަސް ހޯލް އިމާރާތުގެ މަސައްކަތުގެ އެއްބަސް ވުމުގައެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ކަރާ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. މިއީ 11,844,668.75 (އެގާރަ މިލިއަން އައްލައްކަ ސާޅީސްހަތަރުހާސް ހަސަތޭކަ ފަސްދޮޅަސް އައްރުފިޔާ ހަތްދިހަ ފަސްލާރި) ރުފިޔާގެ މަސައްކަތެކެވެ. އަދި މި މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމަން އެއްބަސްވެފަވެއެވެ.