ށ. ފުނަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ކައުންސިލުގެ ރަމަޟާން ބާޒާރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ފުނަދޫ ޑްރައިވިން ޓްރެކް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބާޒާރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 29، 30 އަދި 31 ގެ ނިޔަލަށް ޖުމްލަ ތިންދުވަހަށެވެ.
މި ބާޒާރާއި ގުޅޭގޮތުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމް ފުޅު "ތިލަދުން" އަށް ވިދާޅުވެފައި ވަނީ މިއީ އެ ކައުންސިލުން މިގޮތަށް ކުރިއަށް ގެންދާ ފުރަތަމަ ރަމަޟާން ބާޒާރު ކަމަށެވެ. މި ބާޒާރުގައި އަމިއްލަ ފަރުދުންނާއި ކުލަބް ޖަމިއްޔާތަކުގެ އިތުރުން ރަށުގެ ވިޔަފާރި ވެރިންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
މި ބާޒާރަކީ ވިޔަފާރިތަކުގައި ސްޓޮކްވެފައި ހުންނަ ތަކެތި ރޯލް ކޮށްލަން ލިބޭ ރަނގަޅު ފުރުޞަތެއްގެ އިތުރުން ގޭގޭގައި ބޭނުންކޮށްފައި ހުންނަ ހަލާކުނުވާ ތަކެތިވެސް މި ބާޒާރުގައި ވިއްކިދާނެ ކަމަށެވެ. އަދި މީގެ އިތުރުން މި ބާޒާރުގައި އެކިކަހަލަ ޚިދުމަތް ވެސް ފޯރުކޮށް ދެވިދާނެ ކަމަށެވެ.
މި ބާޒާރުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައި އެ ކައުންސިލުން ކޮށްފައިވާ އިޝްތިހާރުގައިވާ ގޮތުން މި ބާޒާރުގައި ރާއްޖޭގައި ވިއްކުމުގެ ހުއްދަ އޮންނަ ކޮންމެ އެއްޗެއް ވިއްކޭނެއެވެ. މީގެ އިތުރުން ބޯކޮށުމުގެ ޚިދުމަތާއި، ފޮޓޯ ނެގުމުގެ ޚިދުމަތުގެ އިތުރުން ވަޅިތޫނުކުރުން ފަދަ ޚިދުމަތްތައް ވެސް އެ ބާޒާރުގައި ފޮރުކޮށްދެވިދާނެއެވެ. މީގެއިތުރުން ގޭގައި ތައްޔާރުކޮށްލެވޭ އެކިކަހަލަ ކާނާއާއި އަތްތެރި މަސައްކަތުން އުފައްދާ ތަކެތި ވެސް މި ބާޒާރުގައި ވިއްކިދާނެއެވެ.
މި ބާޒާރުގައި ބައިވެރިވުމަށް އެދޭ ފޯމް މިހާރު ފުނަދޫ ކައުންސިލުން ދޫކުރަން ފަށާފައިވާއިރު، ފޯމް ފުރިހަމަ ކުރުމަށް ފަހު 27 މާޗް 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!