ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިސްނަގައިގެން ދިއްދޫގައި ކުރިއަށް ގެންދާ ހިލޭ ސްޕީޗް ތެރަޕިސްޓަކަށް ދެއްކޭ ޕްރޮގްރާމް ފަށައިފިއެވެ.
މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް މިޑްލް ސްޕޯޓްސް ކުލަބުން ކުރިއަށް ގެންދަނީ ހއ.އަތޮޅު ކައުންސިލާއި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެންނެވެ.
މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން މި ޕްރޮގްރާމް މި އަހަރު ހިންގަން ޕްލޭންކޮށް ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ސްޕީޗް ތެރަޕީގެ ޚިދުމަތް ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ ގޮތުން ނަން ނޯޓް ކުރުމަށް ހުޅުވާލި ފުރުޞަތުގެ ތެރެއިން 64 ފަރާތެއް ނަން ނޯޓް ކޮށްފައިވާ ކަމުގައި އެ ކުލަބުން މަޢުލޫމާތު ދެއްވައެވެ.

މި ޕްރޮގްރާމްގައި އައިޖީއެމްއެޗްގެ ސްޕީޗް ތެރަޕިސްޓް އައިމިނަތު ސަމާހަތު ޝަރީފް ބައިވެރިވެ ވަޑައިގަނަވާއިރު، ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އުން ހަވީރު 16:30 އަށް ޚިދުމަތައް ދެއްވުމަށް ހަމަޖެހިފައި ވަނީ ނަންނޯޓް ކުރި ފަރާތްތަކަށެވެ.
މީގެ އިތުރުން ތިން ސެޝަނެއް ކުރިއަށް ގެންދަން ރާވާފައިވާއިރު ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 9 އިން ފެށިގެން 12 ގެ ދަރިވަރުންނަށް ކެރިއަ ގައިޑެންސްއާއި ގުޅޭ ސެޝަނެއް ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން ސްކޫލުގެ ޓީޗަރުންނަށާއި ބެލެނިވެރިންގެ އިތުރުން އާންމުންނަށް ބައިވެރި ވެވޭގޮތަށް މި މަހުގެ 21 އަދި 22 ވަނަ ދުވަހުގެ ރޭ ދެ ސެޝަން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެ ސެޝަންގައި އުފަންވުމުން ފެށިގެން 5 އަހަރާއި ހަމައަށް ތުއްތު ކުއްޖާގެ ވާހަކަ ދެއްކުމުގެ މަރުޙަލާތަކުގެ ތަފްސީލާއި ކުއްޖާ ވާހަކަ ނުދައްކާނަމަ ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ސްޕީޗް ތެރަޕިސްޓެއްގެ ލަފައާއި އިރުޝާދު ބޭނުންވެދާނެ އެހެނިހެން ހާލަތްތަކާއި ގުޅޭ މަޢުލޫމާތު ވެސް މި ސެޝަންތަކުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!