ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފިއެވެ.

އެ ރަށުގެ އަންހެން ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދި މި ޕްރޮގްރާމްގައި ފަނުން ތަކެތި ވިޔަން ދަސްކޮށް ދިނީ އެރަށު އަލިވާގެ އަބްދުލް ހަކީމެވެ.

Ad
rt

މިމަހުގެ 14 އިން 17 އަށް ކުރިއަށް މި ޕްރޮގްރާމްގައި ނިންމުމުގެ ރަސްމިއްޔާތު އޮތީ ރޭގައެވެ. މި ރަސްމިއްޔާތުގައި މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

ޕްރޮގްރާމްގެ ބައިވެރިއަަކަށް ހަނދާނީ ލިޔުން ދެނީ، ފޮޓޯ: ދިއްދޫ އ.ތ.މކ

ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ މިޕްރޮގްރާމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އޭގެތެރޭގައި ދިއްދޫ ކައުންސިލް އިދާރާ، ދިއްދޫ ކޮމިޔުނިޓީ ސެންޓަރ، ހއ. އަތޮޅު ކައުންސިލް އިދާރާ، ދިއްދޫ އަލިވާގެ އަބްދުލް ހަކީމް، އަދި ހާއްސަކޮށް ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު އަލީ ހާޝިމްގެ ނަން އެ ކޮމެޓީން ވަނީ ފާހަގަ ކޮށްފައެވެ.

ޕްރޮގްރާމްގެ ތެރެއިން އަބުދުލް ޙަކީމް ފަނުން ތަކެތި ވިޔަން ދަސްކޮށްދެނީ، ފޮޓޯ: ދިއްދޫ އ.ތ.މ.ކ

އެ ކޮމިޓީއިން ބުނެފައިވާ ގޮތުގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ގޭގައި ތިބެގެން ރަށުގެ އަންހެން ބޭފުޅުންނަށް އާމްދާނީ ހޯދިދާނެ ފުރުސަތެއް ފަހި ކޮށްދިނުމެވެ. މީގެ އިތުރުން ތަފާތު މުނާސަބަތުތަކާއި ގުޅިގެން މާބޮނޑި ފަދަ ތަކެތި ތައްޔާރު ކުރުމަށް ސްކޫލްގެ ބެލެނިވެރިންނަށްވެސް މި ހަރަކާތުގެ ސަބަބުން އެހީއެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވަނީ ބުނެފައެވެ.

ދިއްދޫ ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ދަނީ ގިނަ ހަރަކާތްތަކެއް ރާވާ ހިންގުމުގެ އިތުރުން، ރަށުގައި ހިންގޭ އިޖުތިމާއީ އަދި މިނޫންވެސް ރަށުގެ ތަރައްގީއާި ގުޅުންހުރި ކަންކަމުގައި އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ޕްރޮގްރާމްގެ ބައިވެރިއަކު ފަނުން ވިޔުނު ތާކިހަލެއް އަޅައިގެން، ފޮޓޯ: ދިއްދޫ އ.ތ.މ.ކ

މިއަހަރުގެ ކުރިއަށް ވެސް މުހިންމު ކަންތައްތަކެއް ތާވަލުކުރެވިފައިވާކަމަށް އެ ކޮމެޓީން ވަނީ މައުލޫމާތު ދެއްވާފައެވެ.