ފުރެންޗް ލީގުގައި ގިނަތަރިންތަކެއްހިމެނޭ ޕީއެސްޖީގެ މައްޗަށް ނަންޓެސް އިން ކުރި ހޯދައިފިއެވެ.
މިމެޗު ނަންޓެސް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުފަށައިގެން މޮޅަށް ކުޅެމުންދިޔަ ނަންޓެސް ވަނީ ޕީއެސްޖީއަށް ރަނގަޅަށް ގޭމްތެރެޔަށް ނުވަދެވި އުޅެނިކޮށް މެޗުގެ ފުރަތަމަ ލަނޑުޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 4 ވަނަ މިނެޓުގައި ފުރާސްގެ 23 އަހަރުގެ ފޯވާޑް ރަންޑަލް ކޮލޭ މޫނީ އެވެ.
16 ވަނަ މިނެޓުގައި ފުރާސްގެ މިޑުފީލްޑަރ ކޮއެންޓިން މާލި އިތުރު ގޯލެއްޖަހާ 2-0 ކަށް ނަތީޖާ ބަދަލުކޮށްލިއެވެ.
ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުންނަންޓެސްގެ 3ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލުޑުވިކް ބުލާޒޭ އެވެ.
ފްރެންޗުލީގުގެ ތާވަލް އެއްވަނައިގައިވާ ޕީއެސްޖީގެ ގޯލް މެޗުގެ 47 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެސީގެ
އެހީތެރިކަމާއެކީ ނޭމާއެވެ.
މީގެ އިތުރުން ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ނޭމާއަށްލިބުނެވެ. މިގޮތުން މެޗުގެ 58 މިނެޓުގައި އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ނޭމާ ފޮނުވާލުމުން ނަންޓެސްގެ ކީޕަރު އަލްބަން ލަފަންޓް ވަނީ މަތަކޮށްފައެވެ.
މި ނަތީޖާ އާއި އެކު ނަންޓެސް ވަނީ ތާވަލުގެ 5 ވަނަ އަށް ޖެހިލާފައެވެ.
ފުރެންޗުލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެޓްސް ލިއްލެ މެޗު ލަނޑެއް ނުޖެހި އެއްވަރުވީ އިރު ރޭސިން އަދި ލިއޯން މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!