ޅ. ހިންނަވަރުގައި ބޭންކުގެ ބްރާންޗެއް ޤާއިމުކޮށްދިނުމަށް އެދި އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ.

ރައީސް ޞާލިޙް މިހާރު ޅ. އަތޮޅުގެ ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ހިންނަވަރަށް ކުރެއްވި ޒިޔާރަތުގައި ރޭ ވަނީ ހިންނަވަރު ކައުންސިލާ ބައްދަލު ކުރަށްވާފައެވެ.

Ad
rt

ހިންނަވަރު ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ހިންނަވަރު ކައުންސިލަރުން ވަނީ ރަށުގައި ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ކުރިޔަށްގެންދަވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ ކައުންސިލާއި އެރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި އަދި ކައުންސިލުން ހުރި ކަންބޮޑުވުންތައް ރައީސް ޞާލިޙާއި ހިއްސާ ކުަރަށްވާފައެވެ.

މިގޮތުން ހިންނަވަރު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު ކައުންސިލާއި ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތައް ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި ސްކޫލްގެ އިމާރާތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާކަމާއި، ސްކޫލަށް ބޭނުންވާ އިންސާނީ ވަޞީލަތައް ހަމަޖެއްސުމުގައި ހުރި ދަތިތަށް ވެސް ދެންނެވިއެވެ.

މީގެ އިތުރުން ރަށުގައި ބޭންކުގެ ބްރާންޗެއް ޤާއިމުކުރުމާއި އަދި މަޝްރޫޢުތައް ފެށުމަށްފަހު ހުއްޓުމެއްނެތި ކުރިޔަށް ގެންގޮސް ދެއްވުމަށް ވެސް ރައީސް އަރިހުގައި ކައުންސިލުން ވަނީ އެދިފައެވެ.

ރައީސް ވަނީ އެރަށު ކައުންސިލާ ބައްދަލު ކުރެއްވުމަށްފަހު އެރަށުގެރައްޔިތުންނާއި ވެސް ބައްދަލު ކުރަށްވާފައެވެ. އެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވަނީ ހިންނަވަރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރު ތަފްޞީލުތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ.

އެގޮތުން ހިންނަވަރުގެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގެ މަރުޙަލާގައި ކަމަށާއި ބަނދަރު ބޮޑުކުރުމާއި އައު ބަނދަރެއް ހެދުމުގެ މަސައްކަތް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުގެ އިމާރާތް ހެދުމުގެ މަސައްކަތް ބަޖެޓުގައި ހިމެނޭކަމަށާއި މަގު ހެދުމާއި ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމާއި ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމާއި 100 ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާނެކަމުގައި ފާހަގަކުރެއްވިއެވެ.

އަދި ކައުންސިލާއި ރައްޔިތުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ބޭންކް ބްރާންޗެއް ހިންނަވަރުގައި ޤާއިމްކުރުމަށް އެދިފައިވާތީ އެކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.