ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހދ. ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހޭ އެއްވެސް ސަބަބެއް މިހާރު އޮތްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި މިއަދު އާތިފް ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މޮނިޓަރިންގައި ގިނަ ދުވަސްތަކެއް ކުޅުދުއްފުށި އޮތުމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާ އެ މަނިކުފާނަށް ހުށަހެޅެމުން ދާ ކަމަށާއި ނަމަވެސް ކޯވިޑްގެ ހާލަތާއި ގުޅިގެން ރަށްރަށް މޮނިޓަރިންއަށް ލުމާއި މޮނިޓަރިން އުވާލުމުގެ ކަންކަން ނިންމަނީ އެޗް.ޕީ.އޭ އިން ކަމަށްވާތީ އެ ކަމުގައި ސިޓީ ކައުންސިލްގެ އެއްވެސް ބާރެއް ނޯންނަ ކަމަށެވެ.

Ad
rt

ކުޅުދުއްފުށި މޮނިޓަރިންގައި އޮތުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އިންތިހާޔަށް ދަތިވެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ޓެކްސީ ޑްރައިވަރުންނަށް މާލީގޮތުން ބޮޑެތި ގެއްލުންތައް ކުރިމަތި ވަމުންދާކަމަށާއި ހަމަ އެޔާއެކު އަމިއްލަ ބައެއް މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އާމްދަނީ ހޯދުމުގައި ހުރަސްތައް ކުރިމަތިވަމުން އަންނަކަން އާތިފް ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ކައިރި އަވައްޓެރި ރަށްރަށުގެ ރައްޔިތުންނަށް ވެސް މިކަމުގެ ތަކުލީފު ވަނީ އުފުލަން ޖެހިފައި ކަމަށާއި ވުމާއެކު އެތަށް ފަހަރެއްގެ މަތިން ކުޅުދުއްފުށި މޮނިޓަރިން ހާލަތުން ނަގައި ދެއްވުމަށް އެދި އެޗްޕީއޭގައި ދެންނެވިފައިވާކަން އާތިފް ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން އާތިފް ވަނީ ކުޅުދުއްފުށި މޮނީޓަރިންގައި ބާއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެ އެ ސަބަބުތައް ވެސް ބަޔާން ކުރައްވާފައެވެ.

މިގޮތުން އާތިފް ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި އެ ރަށުގެ އާބާދީގެ %93 ރައްޔިތުން ވެކްސިން 2 ޑޯޒް ފުރިހަމަ ކުރައްވާފައި ވުމާއިއެކު ބޫސްޓާ ޑޯޒް ވެސް އެ ރަށުގައި ޖަހަމުން އައުމާއި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތުން ބަލީގައި ސީރިއަސް ވާ މީހުންގެ އަދަދު ألله ގެ އިރާދަފުޅާއެކު މަދު ވެފައިވުމުގެ އިތުރުން ރަށުގެ ޕޮޒިޓިވިޓީ ރޭޓް ބޮޑުތަނުން ދަށަށް ގޮސްފައިވުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ އާބާދީބޮޑު ތޮއްޖެހިފައިވާ މާލޭގައި ބަލި ފެތުރެމުން ދިޔަކަމުގައިވިޔަސް މާލެ މޮނިޓަރިންއަށް ލާފައި ނުވުން ވެސް އާތިފް ވަނީ ފާހަގަ ކުރައްވާފައެވެ.

ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެ ރަށުން ފެނުނު ޕޮޒިޓިވް ކޭހަށް ފަހު، ޕޮޒިޓިވްވާ މީހުން އިތުރުވާން ފެށުމުން އެޗްޕީއޭއިން އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތައް ގެނެސްފައެވެ. އަދިވެސް އެ ރަށް މޮނީޓަރިންގައި އޮތްއިރު ފާއިތުވި ދޮޅުމަހެއްހާ ދުވަސްތެރޭ މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ ހާހަކާއި ގާތްކޮށްފައެވެ. އެކިފފަހަރު މަތިން ކޭސްތައް ފެނި އެ ރަށް މޮނީޓަރިންއަށް ލީ ނަމަވެސް މިއީ އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވީ ފަހަރެވެ.

އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު ރަށް މޮނީޓަރިންގައި އޮތް ނަމަވެސް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ގިނަބަޔަކު ބަލިން ރަނގަޅު ވަމުން އަންނައިރު، މިހާރު ޕޮޒިޓިވްވާ އަދަދު ވެސް ވަނީ ބޮޑު ތަނުން ދަށަށް ގޮސްފައެވެ.