ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙް ޅ. އަތޮޅުގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު އެ އަތޮޅުގެ މީހުން އުޅޭ ހަތަރު ރަށަށް ވެސް ވަޑައިގަންނަވާނެއެވެ. އެއީ ހިންނަވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫ އެވެ.

Ad
rt

މީގެއިތުރަށް ވަޑައިގަންނަވާނީ ސިނާއީ ރަށް ފެލިވަރަށާއި، މަޑިވަރަށެވެ.

ހިންނަވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫއަށް ކުރައްވާ ޒިޔާރަތުގައި ރައީސް، ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި ދަތުރުކުރައްވާ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ރަސްމީގޮތުން ހުޅުވައިދެއްވާނެއެވެ.

ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި، ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލަން ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުއެވެ.