ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އިޤްރައު އިންސްޓިޓިއުޓް ގުޅިގެން އެ ރަށުގައި ޤިރާއަތު ތިން ލެވެލްއެއްގެ ކޯސްތަކެއް ހިންގަން ނިންމައި ބައިވެރިން ހޯދުމަށް އިޢުލާން ކޮށްފިއެވެ.
މިގޮތުން ޤިރާއަތު ލެވެލް 1، 2، 3 ހިންގުމަށް ހަމަޖެހިފައިވާއިރު މި ތިން ކޯހަކީ ވެސް އެމްކިއުއޭ އެޕްރޫވް ކޯސްތަކެއް ކަމުގައި އެ ކޮމެޓީން ވަނީ ހާމަ ކޮށްފައެވެ.
އެ ކޮމެޓީން މި ތިން ކޯހުގައި ބައިވެރި ވުމަށް ފުރުޞަތު ހުޅުވާލައި ކޮށްފައިވާ އިޢުލާނުގައި މި ކޯސްތަކަށް ވަންނަން ބޭނުންވާ ފަރާތްތަކުގައި ހުންނަން ވާނޭ ޝަރުތުތަކާއި ކޯސްތަކަށް ނެގުމަށް ހަމަޖެހިފައިވާ ފީގެ ތަފްސީލް ވެސް ވަނީ ހިމެނާފައެވެ.
މިގޮތުން ލެވެލް 1 ގެ ކޯހަށް 375 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާއިރު، ޝަރުތެއް ގޮތުގައި ހިމަނާފައި ވަނީ ގްރޭޑް 6 ނިންމާފައިވުމާއިއެކު ޤުރުއާން ބަލައިގެން ކިޔަން އެނގުމެވެ. މިއީ 03 މަސް ދުވަހުގެ ކޯހެކެވެ.
ޤިރާއާ ލެވެލް 2 ގެ ކޯހަށް ފީއެއްގެ ގޮތުގައި 400 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، ޝަރުތެއްގެ ގޮތުގައި ހިމަނާފައި ވަނީ ޤިރާއާ ލެވެލް 1 ގެ ކޯސް ފުރިހަމަ ކުރުމާއިއެކު ޤުރުއާން ބަލައިގެން ކިޔަން އެނގުމވެ. މިއީ 05 މަސް ދުވަހުގެ ކޯހެކެވެ.
ޤިރާއާ ލެވެލް 3 ގެ ކޯހަށް ފީއެއްގެ ގޮތުގައި 400 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، ޝަރުތެއްގެ ގޮތުގައި ހިމަނާފައި ވަނީ ޤިރާއާ ލެވެލް 1 އަދި 2 ގެ ކޯސް ފުރިހަމަ ކޮށްފައިވުމާއިއެކު ޤުރުއާން ބަލައިގެން ކިޔަން އެނގުމެވެ. މިއީ 08 މަސް ދުވަހުގެ ކޯހެކެވެ.
މި ކޯސްތަކުގައި ރާއްޖޭގެ ޤާރީން ކިޔަވައި ދެއްވަން ހަމަޖެހިފައިވާއިރު، ކޯވިޑުގެ މިހާލަތާއި ގުޅިގެން މި ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށެވެ.
މި ކޯސްތަކުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 24 ފެބްރުއަރީ 2022 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް ދުރުވެ ނަން ނޯޓު ކުރެއްވުމުގެ ކަންކަން ފުރިހަމަ ކުރެއްވުމަށް އެ ކޮމެޓީން ވަނީ އެދިލައްވާފައެވެ.
މި ކޯސްތަކުގެ ފުރަތަމަ މަހުގެ ބައިވެރިންގެ ފީ އެ ކޮމެޓީން ދެއްކުމަށް ހަމަޖެހިފައިވާއިރު، ކޯސްތައް ހިންގުމަށް ހަމަޖެހިފައި ވަނީ މަދުވެގެން 20 ބައިވެރިން ހަމަވާނަމައެވެ.
ކޯސްތަކާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ ކޮމެޓީގެ މެމްބަރއާމިނަތު ސަޢީދާ 9103170 ނަމްބަރާއި ގުޅުއްވުމަށް އެ ކޮމެޓީން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!