ރަޝިއާގެ ބިލިއަނަރެއް ކަމަށްވާ އެލީޝާ ބަރަކަނޯވިޗް އަޒްމަނަވްގެ ޕްރައިވެޓް އެއާބަސް އޭ340 ރާއްޖެއަށް އަތުވެއްޖެއެވެ.

ރާއްޖޭގެ އޭވިޝަންގެ ހަބަރު ގެނެސްދޭ އޭވިއޭޓަސް މޯލްޑިވްސްގައި ބުނެފައިވާ ގޮތުގައި މި ބޯޓު އައީ މި ހަފިތާ ތެރޭގައެވެ. ނަމަވެސް އެއާ ގުޅޭ އިތުރު މައުލޫމާތެއް އެ ވެބްސައިޓުގައި އާއްމު ކޮށްފައި ނުވެއެވެ.

Ad
rt

އަޒްމަނަވް މައިނިން އާއި މެޓަލްގެ ވިޔަފާރި ކުރާ ބޭފުޅެކެވެ. އޭނާ އަކީ ރަޝިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މެޓަލޯ އިންވެސްޓްމަންޓުގެ މެޖޯރިޓީ ޝެއާ ހޮލްޑާވެސްމެއެވެ.

ރާއްޖެއަށް އައި އެއާބަސް އޭ340 އަކީ 350 މިލިއަނާއި 500 މިލިއަން ޑޮލަރާ ދެމެދުގެ އަގުބޮޑު ލަގްޒަރީ ބޯޓެކެވެ. މި ބޯޓުގައި ހަތަރު އިންޖީން ހިމެނޭއިރު މި ބޯޓަކީ ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓް އުފައްދާ އެއާބަސް އިން އުފެއްދި ބޯޓެކެވެ.

މި ބޯޓުން އެއްފަހަރާ 300 މީހުންނަށް ދަތުރު ކުރެވޭއިރު މި ބޯޓަށް ކިޔަނީ “ބުރްޚާން” އެވެ. ބޯޓަށް ނަން ދީފައިވަނީ އޭނާގެ ބައްޕަގެ ނަމުންނެވެ.

އަޒްމަނަވް ގެ މިލްކިއްޔާތަކީ މިވަގުތު 17.9 ބިލިއަން ޑޮލަރެވެ.