ރާއްޖެ އަށް ޓޫރިޒަމް ތައާރަފުކުރެއްވި އެއް ބާނީ، ފަތުރުވެރިކަމުގެ ދާއިރާގެ ކޮންސަލްޓަންޓް ޖޯޖް ކޯބިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ.
އިޓަލީވިލާތުގެ ޑައިވިންގް ޓުއަރ އޮޕަރޭޓަރެއްގެ ގޮތުން ރާއްޖެއަށް ތަޢާރަފްވި ކޯބިން އަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފަށައިގަތުމަށް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވަރުގަދަ ކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރަށްވައި، އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި "ހޯމް ސްޓޭ" ޓުއަރިޒަމް މިހާރު ތަޢާރަފުކޮށްފައިވާކަން ހާމަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކޯބިން ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާފައިވާ މިންވަރާމެދު ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤްބަލް ފެނިވަޑައިގަންނަވަނީ އުޖާލާކޮށް ކަމުގައި ވިދާޅުވިއެވެ. އަދި ކޯބިން ވަނީ ދިވެހިރާއްޖެ މެދު ފަންތީގެ ފަތުރުވެރިކަމަށް އިތުރު ސަމާލުކަން ދިނުމުގެ މުހިއްމުކަން ފާހަގަ ކުރަށްވާފައެވެ.
މި ބައްދަލުވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމާބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ އެއަރޕޯޓުތައް ތަރައްޤީ ކުރެވިގެންދިއުމަކީ ކުރިއެރުމެއް ކަމުގައި ކޯބިންގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އެމެރިކާ ބައްރު ފަދަ ދުރު ސަރަޙައްދުތަކުގެ ފަތުރުވެރިންނަށް ދިވެހިރާއްޖެއަށް ދަތުރުކުރުމަށް ފަސޭހަ ގޮތްތައް ހޯދުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން މި އަހަރު ކުލަގަދަކުރާއިރު، އޭގެ ތެރެއިން ބައެއް ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ކޯބިން ރާއްޖެ ވަޑައިގަތީ މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު އެވެ.
ރާއްޖޭގައި ޓޫރިޒަމް ފެށުނު ކަމަށް ބަލަމުން އަންނަ ތާރީޚަކީ، އެންމެ ފުރަތަމަ ރިސޯޓް، ކުރުނބާ މޯލްޑިވްސް ހުޅުވި ތާރީޚް ކަމަށްވާ، އޮކްޓޫބަރު 3، 1972 އެވެ. ނަމަވެސް ރާއްޖެ އަށް އެންމެ ފުރަތަމަ ޓޫރިސްޓުން ގެނައީ ފެބްރުއަރީ 16، 1972 ގައެވެ. މިގޮތުން އިޓަލީގެ ނޫސްވެރިން ވެސް ހިމެނޭގޮތަށް އައި ވިއްސަކަށް މީހުންގެ ގުރޫޕު ރާއްޖެ ގެނައުމުގައި އެންމެ އިސްކޮށް އުޅުއްވީ ކޯބިން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!